ރާއްޖެއިން ޕޮޒިޓިވްވި ދިވެއްސަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެއްސަކު ރަނގަޅުވެފައިވާ ކަމަށް ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު ވިދާޅުވީ އެންމެ ފުރަތަމަ ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން އެކަކު ނެގެޓިވްވެފައިވާ ކަމަށެވެ. އަދި މިހަފުން ހެދި ދެ ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށާއި އެހެންކަމުން އޭނާ ކޮވިޑް19 އިން ރަނގަޅުވެއްޖެކަން މިއަދު ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން މި ބައްޔަށް ޖުމްލަ ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ ފަހެކެވެ. އެއީ މިއަދު ހެނދުނުގެ ވަގުތެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތަށް ފިލިޕިންސް އިން ރާއްޖެ އައި ދިވެހި މީހާއާ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ. އެހެންކަމުން މި ބަލިން ރަނގަޅުވެފައި މިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން އެކަކެވެ.

ރާއްޖެއިން މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 20 މީހުންނެވެ. ކޮވިޑް19 އަށް އެންމެ ގިނައިން ރާއްޖެއިން ޕޮޒިޓިވްވި މީހުންނަކީ ބިދޭސީންނެވެ. އެއީ 15 ބިދޭސީންނެވެ. އޭގެތެރެއިން ދެ މީހަކު ފުރައިގެން ގޮސްފައިވާއިރު ބާކީ ތިބި މީހުންނަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށް އައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބިދޭސީންނެވެ. އެ 15 މީހުންގެ ތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މުޅި ޖުމްލަ ރާއްޖެއިން މި ބަލިން 14 މީހަކު ވަނީ ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.