ނުރައްކާ އޮތް މިންވަރުން އަލީ ވަހީދު އިލްތިމާސް ކުރައްވަނީ ދަތުރު ނުކޮށް މަޑުކޮށްލުމަށް!

އަލީ ވަހީދު ---

ދުނިޔޭގެ ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުގެ ނުރައްކާ އޮތް މިންވަރު ބޮޑުކަމުން މިދުވަސްވަރު ދަތުރު ނުކޮށް ހުރި ތަނެއްގައި ތިބުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިގްތިސޯދީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސް އަކީ މިވަގުތު ދިވެހިން ތިއްބެވި ތަނެއްގައި ރައްކާތެރިކަން ހޯއްދެވުން ކަމަށެވެ. އަދި ވިދާޅުވީ މި ދުވަސްވަރު އެއްތަނުން އަނެއް ތަނަށް ދިއުމަކީ އެއްވެސް ވަރަކަށް ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާ މިވަގުތު މުހިއްމީ ދަތުރު ކުރުން ހުއްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިސާލަކަށް ވަރަށް ރަނގަޅަށް މެލޭޝިޔާގެ އެޕާޓުމަންޓެއްގައި ދިވެހި ރައްޔިތަކު އަޅުގަނޑުމެންގެ ފްލައިޓެއް ހޯދައިގެން އޭގެއިން އަންނަން ދާއިރު އެހެން މީހަކު އުޅެދާނެ ނިކުމެ މެލޭޝިޔާގެ ތެރޭގައި އޭގެ [ކޮވިޑް19] ގެ ސިމްޕްޓޮމްސް ނުވަތަ އަލާމާތްތައް ހުންނަ އެފަދަ މީހެއްގެ ގެއިން މިދަންނަވާ ދިވެހި މީހާއަށް އެބަލި ޖެހުމުގެ ފުރުސަތު ބޮޑު. އެހެންވީމަ ރައްކަލެއް ނޫން މިގަޑީގައި ޓްރެވަލް ކުރާކަށް، އަޅުގަނޑުމެން ކޮންމެެހެން މިލިޓަރީ އިވެކުއޭޝަނެއް ނުވަތަ ކޮންމެހެން ގައުމެއްގެ ހާލަތު ގޯސްވެއްޖިއްޔާ އަޅަންޖެހޭ ޑިސިޝަނެއް ރައީސް އަޅުއްވާނެ، އަޅުގަނޑުގެ އިލްތިމާސް އަކީ ހުރިހާ ސަރަހައްދެއްގައި އުޅޭ ދިވެހި ރައްޔިތުން، މަޑުކުރުން. މިވަގުތު ހާލުގައި ޖެހިފައިވާ ހުރިހާ ރައްޔިތުންނެއްހެން އަޅުގަނޑުމެންނަށް މިހާރު ގެނެސްދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،” ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ކުރިއަށް އޮތް ތިން މަސްތެރޭގައި މި އޭޝިއާ އިން އެންމެ ފުރަތަމަ ކޮވިޑް ފްރީ އެއް ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއި ގުޅިގެން ފަހަތަށް އެއްވެސް ފިޔަވަޅެއް ނާޅާ ކުރިޔަށް އޮތް ތިން މަސް ތެރޭގައި ކޮވިޑް19 އިން މިންޖުވެފައިވާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ބަލިން މިންޖުވާ ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭއާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ނަތީޖާ ފެންނާނެ ކަމަށެވެ. ސަރުކާރުގެ އަމާޒާއި އެއްގޮތަށް ކަންކަން ކުރެވިއްޖެ ނަމަ ރައްކާތެރި ފަތުރުވެރިކަމެއް ރާއްޖޭގައި ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެކަންކަން ނިމުމުން މަޖިލީހުގެ މެމްބަރުންނާއި ވެސް އެކަން ހިއްސާކުރައްވާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.