ހަރުކަށި ފިކުރުގެ ނުރައްކާ އޮވެދާނެ ކަމަށް ބަލާ އެލާޓު ލެވަލް މަތިކޮށްފި

ސިފައިންގެ ބަޔަކު މަގުމަތީގައި: ފޮޓޯ / މިހާރު

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން އެކަމުގެ ނާޖާއިޒު ފައިދާ ހަރުކަށި ފިކުރުގެ ފަރާތްތަކުން ނަގާ އެކަމުގެ ނުރައްކާ ރާއްޖެއަށް އޮވެދާނެ ކަމަށް ބަލާ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެލާޓު ލެވަލް މަތިކޮށްފިއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް އޮތްތޯ ސާފުކުރުމަށް ފުލުހުންނާއި ސިފައިންނަށް 241 ކޮމެޓީން ފޮނުވި ސިޓީއަށް ޖަވާބު ދެމުން އެމްއެންޑީއެފް އިން ވަނީ ސިފައިންގެ އެލާޓު ލެވަލް މަތިކޮށްފައިވާ ކަމަށް ބުނެފައެވެ.

ފުލުހުންގެ ފަރާތުން އެކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައިވަނީ މިދުވަސްވަރު ރާއްޖޭގައި ވައްކަމާއި މާރާމާރީއައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެދާނެކަމާއި ގެވެށި އަނިޔާފަދަ ކަންކަންވެސް އިތުރު ވެދާނެ ކަމަށް ބަލައި ހާއްސަ އިޖްރާއަތްތަކެއް ފުލުހުން ކަނޑައަޅަފައިވާކަން ހާމަކޮށްފައެވެ.

ޓޫފޯވަން ކޮމެޓީގެ އެ ބައްދަލުވުމުގައި މެންބަރުން ވަނީ ކޮމިޓީން ސާފުކުރަން ބޭނުންވި ގިނަ މަޢޫލޫމާތު ފުލުހުންނާއި ސިފައިން، އެކޮމިޓީ އަށް ހިއްސާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިވަގުތު ސަލާމަތީ ހިދުމަތްތަކުން ތިބެން ވާނީ ރާއްޖެއަށް އަތުވެދާނެ ނުރައްކަލަކަށް ސަމާލުވެގެން ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފްގެ އެލާޓު ލެވެލް މަތިކޮށްފައިވާ ކަމަށް ބުނެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީއަށް އެ މުއައްސަސާއިން ސިޓީ ފޮނުވާފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ވެސް އެމްއެންޑީއެފް އިން ވަނީ އެލާޓު ލެވަލް މަތިކޮށްފައެވެ. އެފަހަރު އެމްއެންޑީއެފް އިން ވަނީ އެލާޓު ލެވަލް "ޔެލޯ 2" އަށް ބަލުކޮށްފައެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފުން ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަތިޔާރާއެކު ވަނީ ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އަލުން އެލާޓު ލެވަލް ވަނީ އާއްމު ހާލަތަކަށް ގެނެސްފައެވެ.

2 thoughts on “ހަރުކަށި ފިކުރުގެ ނުރައްކާ އޮވެދާނެ ކަމަށް ބަލާ އެލާޓު ލެވަލް މަތިކޮށްފި

Leave a Reply

Your email address will not be published. Required fields are marked *