އޯޑިއޯ އަދި ވީޑިއޯކޮށް ޝަރީއަތްތައް ބާއްވަނީ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު-

ކޮވިޑް19 އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލު މިއަދު އާންމުކޮށްފިއެވެ.

މިގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުމާއި، މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމާއި، އަދި ކުށުގެ ރެކޯޑް ސާފުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލު އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ކުރިން ތާވަލުކުރެވިފައިވާ ޝަރީއަތްތަކާއި ކޮންމެހެން ކުރިއަށްގެންދަންޖެހޭ މައްސަލަތަކުގެ ތަފުސީލާއި، ޝަރީޢަތް ހިންގުމުގައި އަމަލުކުރާނެގޮތުގެ ތަފުސީލުވެސް އެ އުސޫލުގައި ހިމެނެއެވެ. މީގެ އިތުރުން، އީ-މެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރިކޮށްގެން މުއާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ހިދުމަތް ފޯރުކޮށް ދިނުމަށް ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތިދުވަހުގެ 10:00 އިން 14:00 އަށް ސުޕްރީމް ކޯޓު ހުޅުވިފައި ހުންނާނެވާހަކަ އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

"ގާނޫނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންވާނެ ކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކާއި، ހާއްސަ އުސޫލެއްގެ ދަށުން ކަނޑައެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކާއި، އަވަސްނިޔާގެ މައްސަލަތައް ފިޔަވައި، އެނޫން މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އެ މައްސަލައަކީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެ ބާވަތުގެ މައްސަލައަކަށް ވާނަމައެވެ. މިގޮތުން ކޮންމެހެން ބާއްވަންޖެހޭ މައްސަލަތައް، ވީޑިއޯ ކޮންފަރެންސް ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭކަމުގައިވާ ނަމަ ކުރިއަށްގެންދާނީ ވީޑިއޯ ކޮންފަރެންސް ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި މައްސަލަތަކާގުޅިގެން ބަދަލުކުރަންޖެހޭ ލިޔެކިޔުންތަކަށް އީ-މެއިލް މެދުވެރިކޮށް ޖަވާބުދާރީވެވެން އޮތްކަމުގައިވާނަމަ ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށްގެންދާނީ އީ-މެއިލް މެދުވެރިކޮށެވެ،" ސުޕްރީމް ކޯޓުގެ އުސޫލުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އުސޫލުގައި ބުނެފައިވަނީ މައްސަލަ ރަޖިސްޓްރީކުރުމަށް ފަހު މައްސަލައިގެ ބެންޗް ކަނޑައަޅައި، މައްސަލައިގެ އިލެކްޓްރޯނިކް ފައިލް ޝަރުއީ ޑިވިޝަންތަކާއި ހަވާލުކުރެވޭނެ ކަމަށެވެ. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށްވެސް އެ އުސޫލުގައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހާއި، ކޯޓުން އިދާރީގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ބާއްވަންޖެހޭ އިދާރީ ކޮމިޓީތަކާއި ބައްދަލުވުންތައް ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެންއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލެއް އެކުލަވާލި އިރު، މިދިޔަ ހަފްތާގެ ތެރޭގައި އެ ކޯޓުން ވަނީ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާނެ ގޮތުގެ އުސޫލެއްވެސް އެކުލަވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *