ރާއްޖެ ބަނޑަށް ޖެހޭނެ ހާލަތެއް އަދި ނެތް: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ / ހަތާވީސް އޮންލައިން

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ހީނަރުކަމެއް އައިސްފައިވީ ނަމަވެސް ރާއްޖެ ބަނޑަށް ޖެހޭނެ ފަދަ ހާލަތެއް އަދި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ދުނިޔެ ބަނޑަށް ޖެހިއްޖިއްޔާ ރާއްޖެވެސް އެ ހާލަތަށް ހިނގައިދާނެ ކަމަށާއި ނަމަވެސް މިހާރު މިއޮތް ހާލަތަކީ އެފަދަ ހާލަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. މިއަދު ދުނިޔެއަށް ކުރިމަތިވެފައި މިވާ ހާލަތަކީ ވަގުތީ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ބަލަމުން އަންނަ ކަމަށާއި އެހެންކަމުން މި ހާލަތަކީ ރާއްޖެ “ބަނޑަށް” ޖެހޭނެ ފަދަ ހާލަތެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

“ދުނިޔޭގެ އިގްތިސާދަށް އަސަރުތަކެއް ކުރި ނަމަވެސް، އެގްރިކަލްޗާ، މެނުފެކްޗަރިން މަސައްކަތް ކުރަމުންދާ ބަޔަކު އެކަން ކުރަމުންދާނެ. ލޮކްޑައުންގެ ހާލަތުގައި މިއީ ވަގުތީ ކަމެއްގެ ގޮތުގައި ހުރިހާ ގައުމަކުން ވެސް ބަލަމުންދަނީ. ހަމަ ކޮންޓްރޯލްކޮށްފައި ހުޅުވާލަނީ.” މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަލާކު މީހުން ކާނެ ބޯނެ ގޮތެއް ނެތިއްޖެ ހާލަތަކަށް ގޮސްފި ނަމަ ދައުލަތުން އެކަން ވެސް ރައްޔިތުންނަށް ހަމަޖައްސައިދޭނެ ކަމަށެވެ. އޭގެ މާނައަކީ ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއެއް ގެންދިއުން ނޫން ކަމަށާއި އެހެންނަމަވެސް އިގްތިސޯދު ހަލާކު މީހުން ކާނެ ބޯނެ ގޮތެއް ނެތިއްޖެ ހާލަތެއްގައި އެހެން ގައުމުތަކުންވެސް ކަންކުރާ ބީދައިން ބޮޑެތި ކެއުންތައް ކެއްކުމަށްފަހު ރައްޔިތުންނަށް ސަރުކާރުން ދޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތަކީ ސަރުކާރުގެ މެނިފެސްޓޯގައިވާ ނޫ އިގްތިސޯދުގެ ދަށުން ކުރުމަށް ވިސްނާފައި އޮތް ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރިން ފެށުމަށް އޮތީ މިއަހަރުގެ ފަހު ކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮވިޑް19 ގެ ސަބަބުން އެ މަސައްކަތް ކުރުން ސަރުކާރުން އަވަސް ކޮށްލީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.