ދަނޑުވެރިކަން ކުރުމަށް ކުއްޔަކާއި ނުލާ ތިން އަހަރަށް ބިން ދޫކުރަން ނިންމައިފި

އއ. ތޮއްޑު ---

ރާއްޖޭގެ ރަށްތަކުގައި ދަނޑުވެރިކަން ކުރުމަށް ކުއްޔަކާއި ނުލާ ތިން އަހަރަށް ދޫކުރުމަށް ނިންމައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ކައުންސިލްތަކާއި ރާއްޖޭގައި ބިން ބޮޑެތި ރަށްތަކުގެ ކައުންސިލްތަކާއި ވާހަކަ ދައްކައިގެން އެ ފުރުސަތު އާއްމު ރައްޔިތުންނަށް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީއާ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ރާވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ އެ މަސައްކަތް ކުރުމަށް ބިން ދޫކުރާނީ ފިޝަރީޒް އެންޑް އެގްރިލްޗާއިން އެކުލަވާލާ ގައިޑްލައިންތަކަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީއާ އެކީގައި ކަނޑައަޅާ ލޭންޑް ޔޫސް ޕްލޭނުގެ ތެރެއިން ހިމެނިގެން ކަމަށެވެ. ހަމައެއާއިއެކު ދަނޑިވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އެގްރީމަންޓްރުތަކެއް ކައުންސިލްތަކާއި އެކުގައި އޮންނަންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކައުންސިލްތަކާއި އެކުގައި އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު އަޅުގަނޑުމެން އެކުލަވާލާ ގައިޑްލައިނަކާއި އެއްގޮތަށް ރަށްރަށުގެ ބިންތައް ދޫކުރެވިގެން ދާނީ. އަދި ޕްލޭނިން މިނިސްޓްރީއާ އެކީގައި ކަނޑައަޅާ ލޭންޑް ޔޫސް ޕްލޭނުގެ ތެރެއިން ހިމެނިގެން. ދެން ހަމައެއާއިއެކު ދަނޑިވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އަޅުގަނޑުމެންނާއި އެކީގައި މަޝްވަރާ ކުރެވި އެގްރީމަންޓްރުތަކެއް ކައުންސިލްތަކާއި އެކުގައި އޮންނަންވާނެ، މިވެނި ބާވަތެއް ހެއްދުމަށްޓަކައޭ މިކަން މިކުރަނީ،" މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ މިކަމުގައި ސަރުކާރުން ބޭނުންވަނީ ނަތީޖާ ހާސިލުވާ ގޮތަށް އެ މަސައްކަތް ކުރަން ކަމަށެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދަނޑުވެރިކަން ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ޒަހާ ވިދާޅުވީ އެކަމުގައި ގޮންޖެހުންތަކެއް މިނިސްޓްރީއަށް ވެސް ދަނޑުވެރިންނަށް ވެސް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ތަފާސް ހިސާބުގެ ދަތިކަމެވެ.

"ރަށްރަށުގެ ދަނޑުވެރިން އުފައްދާ ތަކެތި އަޅުގަނޑުމެން ރަޖިސްޓްރީކޮށްފައި އަޅުގަނޑުމެންނަށް ފޯރުކޮށްދޭށޭ ބުނާ ކަމުގައިވީ ނަމަވެސް އެ އެއްޗެހި އެ މައުލޫމާތުތަކެއް ނުލިބޭ. އެކަމަކު އަޅުގަނޑުމެން އެދެނީ ކައުންސިލާއި އެކީގައި ފަށާ މި މަސައްކަތްތަކުގައި ކައުންސިލުން އަޅުގަނޑުމެންނަށް މި މައުލޫމާތުތައް ހިއްސާ ކޮށްދެއްވާ އުފެއްދުންތެރި، އެރަށެއްގެ އުފެއްދުންތެރިކަން އަޅުގަނޑުމެންނާއި އެކު ހިއްސާ ކުރަމުން ގެންދިއުން،" ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް 12 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ހުޅުވާލާފައިވާއިރު އެ ސްކީމުގައި އަދިވެސް ފައިސާ އެބަހުރި ކަމަށާއި ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *