ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް ރާއްޖެއަށް ފޯރުކޮށްދޭތީ ޝުކުރު އަދާކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ބޭހެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ދިނުމުން، އެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާއިން ބޭރުކުރުން މަނާކޮށްފައިވާ މި ބޭސް ބޭރުކުރުމަށް ހުއްދަ ދީފައިވަނީ ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 13 ޤައުމަކަށެވެ. ރާއްޖެއަށް ބޭސް ބޭރުކުރުމުގެ ހުއްދަ ދީފައިވާއިރު، އިންޑިއާއިން ވަނީ އެޤައުމުން ބޭރުކުރުން ކޮންޓްރޯލް ކޮށްފައިވާ އެހެން ބައެއް ބާވަތްތަކުގެ ބޭސްވެސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ތިން މަސްދުވަހުގެ ޝިޕްމަންޓެއް ހިލޭ ދީފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އެސް.ޓީ.އޯ އިން އޯޑަރުކުރި ބޭސްތަކުގެ ޝިޕްމަންޓް ރާއްޖެއަށް ނުގެނެވި ތާށިވުމުން، އެތަކެތި ރާއްޖެއަށް އިންޑިޔާގެ އެހީގައި ވަނީ ހިލޭ ގެނެސްދީފައިވެއެވެ. އިންޑިއާއިން މި ބޭސްތައް ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުގެ 5 ސިޓީއެއްގައި ހުއްޓައި، އެޤައުމުގެ އެއާފޯސް މަތިންދާބޯޓެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުގައި އިންޑިއާގައި އުފައްދާ ކާޑުގެ ބައެއް ބާވަތްތަކާ އެހެނިހެން ބައެއް އަސާސީ މުދާ އެޤައުމުން ބޭރުކުރުން މަނާކޮށްފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހުއްޓުމެއް ނެތި ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

ރާއްޖޭގެ އިތުރުން މި ބޭސް ފޮނުވުމަށް އިންޑިއާއިން ހަމަޖެއްސި އަނެއް 12 ގައުމަކީ އެމެރިކާ، ސްްޕެއިން، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، އަފްގާނިސްތާން، ބަންގްލަދޭޝް، ސީޝެލްސް، އަދި މޮރިޝަސްގެ އިތުރުން ޑޮމިނިކަން ރިޕަބްލިކެވެ. މީގެ ތެރެއިން ބައެއް ގައުމުތަކަށް އެންޓި މެލޭރިއަލް ބޭސް ފޮނުވަން މިހާރު ވަނީ ފަށައިފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.