އިންޑިޔާ އަދި ބަންގްލަދޭޝް އިން ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަށް ނިންމައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

އިންޑިޔާއާއި ބަންގްލަދޭޝް އިން ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމައިފިއެވެ.

އިންޑިޔާގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެގައުމުގެ ޗީފު މިނިސްޓަރުން ވީޑިއޯ މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. ނަމަވެސް ލޮކްޑައުންގެ މުއްދަތު އިތުރުކުރިކަން އިންޑިޔާގެ ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފައެއް ނުވެއެވެ. އިންޑިޔާގައި އެންމެ ފުރަތަމަ އިޢުލާންކުރި 21 ދުވަހުގެ ލޮކްޑައުންގެ މުއްދަތު މިމަހުގެ 14ވަނަ ދުވަހަށް ހަމަވާނެއެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ދިއްލީގެ ޗީފު މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވީ އިންޑިޔާގެ ލޮކްޑައުންގެ މުއްދަތު އިތުރުނުކޮށްފިނަމަ ކޮވިޑް19އާ ދެކޮޅަށް ފާއިތުވި ދުވަސްތަކުގައި ހޯދުނު ކުރިއެރުންތައް ގެއްލޭނެކަމަށެވެ. އަދި އެ މުއްދަތު އިތުރުކުރުން މުހިންމުކަމަށް އިންޑިޔާގެ އެހެން ޗީފު މިނިސްޓަރުންވެސް ޤަބޫލުކުރައްވާކަމަށް ކެޖްރިވާލް ވިދާޅުވިއެވެ. ނަމަވެސް އެކަމާގުޅޭ އިތުރު ތަފްޞީލެއް އޭނާ ނުދެއްވައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ލޮކްޑައުންގެ މުއްދަތު 11 ދުވަހަށް އިތުރުކުރުމަށް އެޤައުމުންވަނީ ނިންމާފައެވެ. އެޤައުމުގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަބަންދުގެ މުއްދަތުގައި ބަންގްލަދޭޝްގެ ސިފައިންދަނީ އެޤައުމުގެ ހުރިހާ ސަރަޙައްދެއްގައި ފޯރިމަރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *