ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހައްގުތައް ގެއްލިގެންދާ ކަމުގެ ޝަކުވާ

ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ --

ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުގެ އެކި އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަމުގެ ޝަކުވާތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑަށް އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ވަޒީފާ ގެއްލިގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ މުވައްޒަފުންގެ ވަޒީފާއަށް އެ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ. އޭގެތެރޭގައި މުސާރަ ކުޑަ ކުރުމާއި ނޯޕޭ ލީވް ދިނުމާއި ވަޒީފާއިން ވަކި ކުރަމުން އަންނަ ކަމުގެ ޝަކުވާތައް ހިމެނެއެވެ.

އެޗްއާރްސީއެމް އެފަދަ ކުންފުނިތަކުން އެ މައުލޫމާތުތައް ހޯދާ އެކަން ލޭބާ ރިލޭޝަން އޮތޯރިޓީއާ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެންނަމުންނެވެ. އަދި އެ މައްސަލަތައް ބެލުމަށް އެ އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ އެދިފައެވެ.

މީގެއިތުރުން އެޗްއާރްސީއެމް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގައިދީންގެ ފަރާތުން ޝަކުވާތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައެވެ. އެގޮތުން ޖަލު އޮފިސަރުންނާއި ބަންދު މީހުންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބަންދު މީހުންނަށް އަނިޔާވި މައްސަލައެއް ލިބިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންނެވެ.އެޗްއާރްސީއެމް އިން އެ މައްސަލަތައް ބަލަމުން އަންނައިރު ސަރުކާރުން ވެސް އަންނަނީ އެފަދައިން އަމަލުކުރާ ފަރާތްތަކުގެ މައްސަލަތައް ބަލަމުންނެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ ގާނޫނާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. ހާއްސަކޮށް ވަޒީފާއި ބެހޭ ގާނޫނާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާއިރު އިކޮނޮމިކް މިނިސްޓްރީން އަންނަނީ ވަޒީފާއަށް މި ދަނޑިވަޅުގައި އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެ މިނިސްޓްރީން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް އެކަން އެންގުމަށް އިލްތިމާސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *