އަމިއްލައަށް ވަޅި ހަރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ބިދޭސީއަކު ޒަހަމްވެއްޖެއެވެ.
ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގެ ކައިރީ މީހެއްގެ ގަޔަށް މިއަދު ވަޅިއެއް ހެރިފައިވާ ކަމަށާއި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެހާދިސާ ހިނގާފައިވަނީ ރައްޓެވި ވެގެން އުޅުނު ބިދޭސީ އަންހެނަކާއި ބިދޭސީ ފިިރިހެނަކު ރުޅިވުމުން އެ ދެމީހުންގެ ތެރޭގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހަމަނުޖެހުމުގެ ތެރޭގައި އަންހެން މީހާ އޭނާގެ ގައިގައި އަމިއްލައަށް ވަޅި އަޅަން އުޅުމުން، އެހެން ބިދޭސީ ފިރިހެނަކު ގޮސް އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތަށް ވަޅި ހަރައި ޒަހަމްވި ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި ޒަހަމްވި ފިރިހެން މީހާގެ އެހާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.