ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރުކޮށްފި

ހުކުރު ހުތުބާ އަޑުއެހުން/ ފޮޓޯ- އިސްލާމިކް މިނިސްޓްރީ

ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައި އޮތް އޮތުން މި މަހުގެ 18ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަކީ ކޮވިޑް19 އާއި ގުޅިގެން މިހާރުގެ ހާލަތަށް ބަލައި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 18 މާޗް ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުކުރުމަށް ނިންމާފައި އޮތް އޮތުން، 18 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ އެރަށެއްގައި ވެސް އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުކުރުމަށް ވަނީ ދަންނަވާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، އަދި ދިވެހިބަހުން ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ދަނޑިވަޅެއްގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއްކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރި ވެފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް ވަނީ ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *