ކޮންޓްރޯލުން ނައްޓައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކުޑަހުވަދޫގައި ހިނގި އެކްސިޑެންޓުގެ ތެރެއިން/ ފޮޓޯ- ޕޮލިސް

ދ. ކުޑަހުވަދޫގައި ސައިކަލެއް ކޮންޓްރޯލުން ނައްޓައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ކުޑަހުވަދޫގައި މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އެމަގުގައި ހުރި ކެފޭއެއްގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:17 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގި ވަގުތު ދުއްވާފައި ދިޔަ ސައިކަލުގައި ދެ މީހުން ތިބި ކަމަށާއި، މި އެކްސިޑެންޓްވި އިރު އެތަނުން ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި ސައިކަލުގެ ފަހަތުގައި އިން 18 އަހަރުގެ މީހާގެ ކަނާއަތު ފައިގެ ކުޑަހުޅުން ދުޅަވެ، ބޮލުގެ މަތިން ތަންކޮޅެއް ފަޅައިގެން ގޮސްފައިވާއިރު އެމީހާގެ ގައިން އެކި ތަންތަން ވަނީ މަށައިގެން ގޮސްފައިކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ދުއްވާފައި ދިޔަ ސައިކަލަށާއި ޕާކް ކޮށްފައި ހުރި ސައިކަލް ތަކަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ އަތުގައި ލައިސަންސުވެސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.