ވެންޓިލޭޓަރުތަކާއި ގުޅިގެން ހައިތަމްގެ 10 ސުވާލެއް އަމީނަށް!

(ކ-ވ) ހެލްތު މިނިސްޓަރު އަމީން އަދި މެންބަރު ހައިތަމް --

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތަކާއި ގުޅިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ފަރާތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ކުރެއްވުމަށް 10 ސުވާލެއް ހުށަހަޅުއްވައިފިއެވެ.

ހައިތަމް ވަނީ އެ ސުވާލުތަކުގެ ޖަވާބު އަމީންގެ ފަރާތްޕުޅުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލިޔުމުން ހުށަހަޅުއްވާފައެވެ.

ހައިތަމްގެ ސުވާލުތަކުގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް މަސަައްކަތް އެބަ ކުރިއަށްދޭތޯއާ ވެންޓިލޭޓަރު ގެނައުމަށް ކުރިއަށް ގެންދަވާ ޕްރިސެސް އަކީ ކޮބާތޯއާ މިހާރު އެކަން ވަކި ގޮތަކަށް ނިމިފައިވާނަމަ، އެކަން ކުރިއަށް ގެންދެވީ ކޮން ޕްރޮސެސްއެއްގެ ދަށުންތޯއާ ބިޑް ކުރެވުނުތޯވެއެވެ. މީގެއިތުރުން ބިޑް ކުރި ނަމަ، އެ ބިޑަށް ކިތައް ފަރާތަކުން ކުރިމަތިލިތޯއާ ބިޑް ކުރި ނަމަ، ބިޑް ކާމިޔާބު ކުރެއްވީ ކޮން ފަރާތަކުންތޯއާ ޑެލިވަރީގެ މުއްދަތަކީ ކޮބާތޯއާ ވެންޓިލޭޓަރުތައް ރާއްޖެ ލިބިފައި ނުވަނީ ކީއްވެގެންތޯއާ ވެންޓިލޭޓަރުތައް ރާއްޖެ ލިބޭވަރުވާނީ ކިހާތާކުތޯ އަދި މިކަމާ ގުޅޭ އެންމެ ފަހުގެ ހަބަރަކީ ނުވަތަ މައުލޫމާތަކީ ކޮބާތޯ ހައިތަމް ވަނީ އަމީންއާ ކުރުމަށް ހުށަހެޅި ސުވާލުތަކުގެ ތެރޭގައި ހިމަނާފައެވެ.

ސަރުކާރުން މީގެކުރިން ބުނެފައިވަނީ ރާއްޖެއަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޮވިޑް19 އާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެތަކެތި ރާއްޖެ އައުން ލަސްވަނީ ކަމަށް ސަރުކާރުން ބުންޏެވެ. ސަރުކާރުގެ އަމާޒަކީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ގާއިމް ކުރުމެވެ. ނަމަވެސް އެ 70 ވެންޓިލޭޓަރަކީ ބަޔަކު ހިލޭ ދިން އެއްޗެއް ކަމެއް ނުވަތަ ސަރުކާރުން ގަތް އެއްޗެއް ކަމެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.