އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ފުރަތަމަ ބޮޑު އޮޕަރޭޝަން، ވަރަށް ކާމިޔާބު!

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މީހެއްގެ އުނަގަނޑުގެ އޮޕަރޭޝަނެއް ކުރަނީ: މިއީ މި ހޮސްޕިޓަލު ހުޅުވި ފަހުން ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އަދި ކާމިޔާބު އޮޕަރޭޝަން -- ފޮޓޯ / އޭއީއެޗް

މާލެ ސިޓީ ބޭރުން ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރި ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކުގައި އުނަގަނޑުގެ އޮޕަރޭޝަނެއްކޮށް ނިންމާލައިފިއެވެ.

ޑރ. މުންޝިދު އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންކުރީ އުމުރުން 82 އަހަރުގެ މީހެއްގެއެވެ. އޮޕަރޭޝަން ކުރުމަށް ހުރިހާ ސާމާނެއް ފޯރު ކޮށްދީފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުންނެވެ. އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެމީހާގެ ހާލަތު ރަނގަޅު ކަމަށެވެ.

ރާއްޖޭގެ އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ހުޅުވި ޓާޝަރީ ހޮސްޕިޓަލު އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް)ގެ ހިދުމަތް ފުރަތަމަ ފޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15ވަނަ ދުވަހުއެވެ. އޭރު ހިދުމަތް ދިނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ބައެއް ހިދްމަތް ހުއްޓާލުމަށްފަހުއެވެ. އެ ހޮސްޕިޓަލުން ފުރަތަމަ ހިދުމަތް ދޭން ފަށާފައި ވަނީ ސީޓީ ސްކޭން ހެދުމާއި ކާޑިއޯގެ ހިދްމަތެވެ. މީގެ އިތުރުން އީއެންޓީ ހިދްމަތާއި، ދަތުގެ ފަރުވާގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ސައިކެޓްރިކް އަދި އަލްޓްރާ ސައުންޑްގެ ހިދްމަތް ދޭން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އޯތޯ ސާޖަން އަދި ފިޒިއޯތެރަޕީގެ ހިދްމަތްވެސް އެ ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ.

އޭއީއެޗް އަކީ މާލެ ސަރަހައްދުން ބޭރުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ސަރުކާރު ހޮސްޕިޓަލެއްގައި ދޭން ފެށި ފުރަތަމަ ހޮސްޕިޓަލުވެސް މެއެވެ.

ދެހާސް ބާރަ ވަނަ އަހަރު 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެލިއާ އާއި ހަވާލުކޮށްގެން 171 މިލިއަން ރުފިޔާއަށް އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް ތަނަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތް އެ ހޮސްޕިޓަލްގައި ވަނީ ގާއިމްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.