ދަށް ގްރޭޑުގެ ދަރިވަރުންނަށް އަންނަ ހަފްތާގައި ޓެލިކިލާސް ފަށަނީ

ސްކޫލްތަކުގެ ދަރިވަރުން/ ފޮޓޯ- އަވަސް

ކޮވިޑް19 ގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅުތައް ނަގައި ދެމުން އަންނަ ޓެލިކިލާސްތައް ދަށް ގްރޭޑުގެ ދަރިވަރުންނަށް އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ދަރިވަރުންނަށް ގޭގައި ތިބެގެން ތައުލީމު ހާސިލުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ގޮތުން ފެށޭ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކީ ސްޓޭޖް 1 އަދި 2 ގައި ހިމެނޭ ގްރޭޑް އެކަކުން ހައެއްގެ ދަރިވަރުންނަށް ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް ޓެލިކިލާސްތައް ދައްކަން ފަށާނެ ކަމަށެވެ. އަދި އެލްކޭޖީއާއި ޔޫކޭޖީ ހިމެނޭހެން ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނަށް ގޭގައި ތިބެގެން ކުރެވޭނެ އެކި ކަންކަން ހިމަނައިގެން ލާނިން ޕްކޭޖްތަކެއް ތައްޔާރު ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ޓެލިކިލާސް ފުރަތަމަ ފެށީ ގްރޭޑް 10 އަދި 11ގެ ދަރިވަރުންނަށެވެ. ނަމަވެސް މިހާރު ގްރޭޑު ހަތެއްގެ ދަރިވަރުންނަށްވެސް ޓެލިކިލާސްތައް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

"ކީ-ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް އަންނަ އާދިއްތަ ދުވަހު ޓެލިކިލާސްތައް ފެށިގެންދާނެ. ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނަށް ގޭގައި ބޭނުންކުރެވޭނެ ލާނިންގ ޕެކޭޖްތައްވެސް ވާނީ ތައްޔާރުކޮށްފައި" މިނިސްޓަރ ވިދާޅުވިއެވެ.

ޓެލެ ކްލާސްތައް ކުރިއަށް ގެންދިޔުމަށް ޓީޗަރުންނާއި ދަރިވަރުންނަށް އެއް މަހަށް ވާވަރަށް ޑޭޓާ ފޯރުކޮށްދީފައިވާ ކަމަށާއި އަދި އިންޓަނެޓާއި ޓީވީ ލިބެން ނެތް ދަރިވަރުންނަށް ކަރުދާހުގައި ފިލާވަޅުތައް ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދަރިވަރުން ފިލާވަޅުތަކަށް އެޓެންޑްވާ މިންވަރު ވެސް ބަލަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި ހާލަތުން ރަނގަޅުވެ ސްކޫލްތައް އަލުން ހުޅުވެން ވާއިރަށް ވެސް ތައްޔާރީތައް ވަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަތް ދޮވެނޭ އިންތިޒާމު ހުރިހާ ސްކޫލެއްގައި މިހާރު ގާއިމުކުރެވިފައި ހުންނާނެ ކަމަށާއި އަދި ކްލާސްތަކަށް ބޭނުންވާ ސައިބޯނި ވެސް ޔުނިސެފްގެ އެހީއާއެކު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.