ސިއްހީ ކުއްލި ނުރައްކަލު ހާލަތު: ދެ ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމަނީ

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ރައީސް ސޯލިހާއި ހެލްތު މިނިސްޓަރު އަމީން އަދި ކަމާގުޅުންހުރި އިސް ބޭފުޅުން ކޮޅެއް: ފޮޓޯ / ރައީސް އޮފީސް

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި މެދު އަންނަ އާދިއްތަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށާއި ނަމަވެސް އަދިވެސް އެކަމުގައި ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން ފިޔަވަޅުތައް އަޅާނީ އެއިރެއްގައި ރާއްޖޭގައި އޮތް ހާލަތަކަށް ބެލުމަށްފަހު ކަމަށެވެ. އަމީން ވިދާޅުވީ ރާއްޖެ އިން ކޮންމެ ދުވަހަކު ބަލި ޖެހިފައި ހުރި މީހަކު ނުފެނުނު ނަމަވެސް ރާއްޖޭގައި ކޮވިޑް-19 ނެތް ކަމަށް ބުނަން އުނދަގޫ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ އިން މިހާތަނަށް ބަލި ފެނުނު މީހުންނަކީ ރިސޯޓްތަކުގައި ތިބި މީހުންނާއި، އަދި ރާއްޖެ އިން ބޭރުން އައި މީހުންގެ ގައިން ކަމަށާއި އެމީހުންގެ ގައިން ބަލި ފެތުރިގެން ދިޔަ ކަމުގެ ސާބިތު ނިޝާންތަކެއް ފެންނާކަށް ނެތް ކަމަށެވެ.

އަމީން ވިދާޅުވީ މިބައްޔަށް ޕޮޒިޓިވްވާ މީހުން ނިސްބަތުން މަދުވެފައި ނުވަތަ ކޭސް ފެނުން މެދުކެނޑިފައި އަލުން ކޭސް އިތުރުވެ ފެތުރިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އަދިވެސް މިބަލި ފެތުރިދާނެކަމަށް ވިސްނައި ސަމާލުވެ ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށާ، ގައިދުރުކަން ބަހައްޓައިގެން އުޅުމުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަމީން ވިދާޅުވީ ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ކޮންމެ ދުވަހަކު ނުފެނުނު ކަމުގައިވީ ނަމަވެސް އަދި އަލާމާތް ފެންނަ މީހުން ކޮންމެ ދުވަހަކު ނުފެނުނު ނަމަވެސް އަދި މިހާރު ހުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި ކޮވިޑް19 ނެތް ކަމަށް ބެލުމަކީ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އަމީން ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލައި ރާއްޖޭގެ އެތެރޭގެ ބައެއް ކަންކަމަށް ބަދަލު ގެނެސްފައިވުމުގެ ނަތީޖާއަކީ މިބަލި ރާއްޖޭގައި ފަތުރިގެންދާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އެނުރައްކާތެރި ހާލަތު އައުން ލަސްވުން ކަމަށެވެ. މިހާތަނަށް ރާއްޖެއިން ފެނިފައިވާ ކޮވިޑް19ގެ ކޭސްތަކަކީ ރިސޯޓުތަކުންނާއި ރައްޖެއިން ބޭރުން އައި މީހުންގެ ފަރާތުން ފެނުނު ކޭސްތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ފަރާތުން ރާއްޖޭގެ މުޖުތަމައުގެ ތެރެއަށް ބަލި ފެތުރިގެން ދިޔަކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބެލެވިދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *