ހާލަތު ރަނގަޅު ކަމަށް ނިންމަން އަވަސް: އަމީން

ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ: ފޮޓޯ / ހެލްތު މިނިސްޓްރީ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ރަނގަޅު ކަމަށް ނިންމަން އަވަސް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިބައްޔަށް ޕޮޒިޓިވްވާ މީހުން ނިސްބަތުން މަދުވެފައި ނުވަތަ ކޭސް ފެނުން މެދުކެނޑިފައި އަލުން ކޭސް އިތުރުވެ ފެތުރިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އަދިވެސް މިބަލި ފެތުރިދާނެކަމަށް ވިސްނައި ސަމާލުވެ ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށާ، ގައިދުރުކަން ބަހައްޓައިގެން އުޅުމުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަމީން ވިދާޅުވީ ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ކޮންމެ ދުވަހަކު ނުފެނުނު ކަމުގައިވީ ނަމަވެސް އަދި އަލާމާތް ފެންނަ މީހުން ކޮންމެ ދުވަހަކު ނުފެނުނު ނަމަވެސް އަދި މިހާރު ހުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި ކޮވިޑް19 ނެތް ކަމަށް ބެލުމަކީ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އަދިވެސް ހާލަތު ރަނގަޅު ކަމަށް ނިންމަން އަވަސް. އެހެންނަމަވެސް ފަތުރުވެރިން ރާއްޖެ އައުން މަޑުޖައްސާލާ އަދި އަޅުގަނޑުމެން އެތެރޭގެ މޫމަންޓްސްއާ އަޅުގަނޑުމެން ރާއްޖޭގެ ކަންކަމަށް މި ހުއްޓުމަށްޓަކައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެން ކުރިން ލަފާކުރިހާ އަވަހަށް ރާއްޖޭގައި ފެތުރިގެން ނުދޭ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލައި ރާއްޖޭގެ އެތެރޭގެ ބައެއް ކަންކަމަށް ބަދަލު ގެނެސްފައިވުމުގެ ނަތީޖާއަކީ މިބަލި ރާއްޖޭގައި ފަތުރިގެންދާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އެނުރައްކާތެރި ހާލަތު އައުން ލަސްވުން ކަމަށެވެ. މިހާތަނަށް ރާއްޖެއިން ފެނިފައިވާ ކޮވިޑް19ގެ ކޭސްތަކަކީ ރިސޯޓުތަކުންނާއި ރައްޖެއިން ބޭރުން އައި މީހުންގެ ފަރާތުން ފެނުނު ކޭސްތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ފަރާތުން ރާއްޖޭގެ މުޖުތަމައުގެ ތެރެއަށް ބަލި ފެތުރިގެން ދިޔަކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބެލެވިދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރައްޔިތުން ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރާއި ސްކޫލްތަކާއި އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓްތައް ބަންދުކޮށް ޢާންމުނަށް ބައެއް ހިދުމަތްތައް ދިނުން މަޑުޖައްސާލާފައި ވަނީ ގޭގައި ރައްޔިތުން ބޭތިއްބުމަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *