އީޔޫ އިން ރާއްޖެއަށް 51 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

އީޔޫގެ އިސްވެރިޔަކު ރައީސް ސޯލިހާއި އެކު: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން އަޅަމުންދާ ދެފުށް ފެންނަ، ހަރުދަނާ ނިންމުންތަކަށް ވިލާތުގެ އިއްތިޙާދާއި، އެއިއްތިޙާދުގެ މެމްބަރު ޤައުމުތަކުން މަރުޙަބާ ކިޔައިފިއެވެ.

އީޔޫ އާއި ދިވެހިރާއްޖެއާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖެއިން އެޅި ހަރުދަނާ، އަވަސް ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ތިބި ޔޫރަޕްގެ ޤައުމުތަކުގެ ފަތުރުވެރިން ފަސޭހަކަމާއެކު އެޤައުމުތަކަށް ގެންދެވިފައިވާކަމަށެވެ.

އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް 1 މިލިއަން ޔޫރޯ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް، ޚާއްސަކޮށް ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން 2 މިލިއަން ޔޫރޯ އީޔޫ އިން ވަނީ ރާއްޖެއަށް ދީފައެވެ.

ވިލާތުގެ އިއްތިޙާދުން ރާއްޖެއަށާ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ މިދަނޑިވަޅަކީ ރާއްޖެއާއި އީޔޫ ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއްކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިދިން އެހީތެރިކަމާއެކު، ޔޫރަޕްގެ ފަތުރުވެރިންނަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އީޔޫގެ އެހީއާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ މިއެހީއަކީ ރާއްޖެއާއި އީޔޫއާ ދެމެދު އޮތް ގުޅުން އަނެއްކާވެސް ހަރުދަނާވެފައިވާކަމުގެ ހެއްކެއްކަމަށެވެ. އަދި އީޔޫގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިއެހީތެރިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް އިތުރަށް ހަރުދަނާކުރުމަށާއި، އިޤްތިޞާދީ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެއާއެކު ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އީޔޫގެ އެހީތެރިކަން އަދިވެސް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.