މާލެ ސަރަހައްދުގެ ކާފިއު އުވާލައިފި

ކާފިއުގެ ވަގުތުގައި ފުލުހުން ހުޅުމާލޭގައި: ފޮޓޯ / ހަތާވީސް

މާލެ ސަރަހައްދަށް ނެރުނު ކާފިއު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުވާލައިފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމެއްގައި ވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.

އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ނަމަވެސް އެޗްޕީއޭ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާލެ ސަރަހައްދަށް ނެރެފައިވާ ކާފިއު އުވާލާފައިވާ ކަމަށާއި އެހެން ނަމަވެސް ތިން މީހުންނަށް ވުރެ ގިނައިން މަގުތަކަށް ނުނިކުތުމަށް އަންގާފައިވާ އެންގުން ދެމި އޮންނާނެ ކަމަށެވެ. އެގޮތަށް އެޗްޕީއޭ އިން ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.