ފުރައިގެންދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ދިވެއްސަކު ޓެސްޓުކުރަނީ

ޖޯލި މޯލްޑިވްސް ---

ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ދިވެއްސަކު އެ ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރާއްޖެއިން ފުރިފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެމީހާ ވަނީ މޮނީޓާ ކުރުމަށް ކަރަންޓީން ފެސިލިޓީއަކަށް ލެވިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި އެމީހާ ހުރި ރިޒޯޓުގެ މުވައްޒަފުންނާއި އެމީހާ ގޮވައިގެން ދަތުރުކުރި ކުރޫއާއި އެއަރޕޯޓް ގްރައުންޑް ސްޓާފުން ހިމެނޭކަމަށެވެ. އަދި އެ މީހުންގެ ތެރެއިން 21 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް މަބްރޫކް ވިދާލުވިއެވެ. އަދި މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާތީ އެމީހާއާ ބައްދަލުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް މަބްރޫކް ވިދާލުވިއެވެ.

އެމީހާ ދިޔަ ދެ ރަށަކީ އެއީ ޖޯލި މޯލްޑިވްސް އަދި ރ. ބޮޑުފުށްޓެވެ. މަބްރޫކް ރޭ ވިދާޅުވީ އެ ދެ ރަށަކީ ވެސް އެމީހާ މަސައްކަތް ކުރުމަށް އައި ދެ ރަށް ކަމަށެވެ.

މިހާތަނަށް 2350 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށާއި އޭގެތެރެއިން 2059 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އަދި ސާމްޕަލް ނެގި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 272 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އައިސޮލޭޝަން އެކި ފެސިލިޓީތަކުގައި 12 މީހުން ތިބިއިރު ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1019 މީހަކު އެބަހުއްޓެވެ. ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.