ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި ދިވެހިންނަށް ވެސް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު

މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖުތައް ފޮނުވުމުގައި: ފޮޓޯ / ހަތާވީސް

އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްގައި ތިބި ދިވެހި އާއިލާތަކަށް ވެސް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅެމުން އަންނަ ދިވެހި އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ޓްރިވެންޑްރަމް އަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓުގައި ކެއާ ޕެކޭޖު ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ފުރުސަތުގައި 600 ފަރާތަކަށް ކެއާ ޕެކޭޖު ފޮނުވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ކެއާ ޕެކޭޖު ފޮނުވަން ބޭނުންވާ ފަރާތްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލު ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން، މާދަމާ ހެނދުނު 08:00 އިން މެންދުރު 11:00އަށް އަދި މެންދުރުފަހު 14:00އިން ހަވީރު 18:00އާ ދެމެދުގެ ވަގުތެއްގައި ކެއާ ޕެކޭޖުތައް ހިފައިގެން ދިއުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ކޮންމެ އާއިލާއަކަށް ކެއާ ޕްކޭޖުގެ ގޮތުގައި ފޮނުވޭނީ ގިނަވެގެން 15 ކިލޯއެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި:

ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)

* މަސް ދަޅު ކޭސް

* ނޫޑްލްސް ކޭސް

* ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)

* މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގައި ނުހިމެނޭނެ ތަކެތިވެސް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެއީ:

* ފައިސާ

* ރޯމަސް

*ކޭކު

*ހެދިކާ

*މޭވާ

* ތަރުކާރީ

* ސިނގިރޭޓު

މީގެކުރިންވެސް ފޮރިން މިނިސްޓްރީން ވަނީ މޯލްޑިވިއަންގެ އެހީތެރިކަމާއި އެކުގައި ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ފަހި ކޮށްދީފައެވެ. އެގޮތުން ލަންކާއަށް 9 ޓަނުގެ ކެއާ ޕެކޭޖު ފޮނުވިއިރު މެލޭޝިޔާ އަށް ވަނީ 7 ޓަނުގެ ކެއާ ޕެކޭޖު ފޮނުވާފައެވެ

ހިޔާލު ދެއްވާ!

Your email address will not be published.