ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 33 މީހަކު އެކަހެރިކޮށްފި

ޖޯލި މޯލްޑިވްސް ---

ރާއްޖެއަށް ދަތުރުކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް އޭނައާ ކޮންޓެކްޓްވި 33 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި އެމީހާ ހުރި ރިޒޯޓުގެ މުވައްޒަފުންނާއި އެމީހާ ގޮވައިގެން ދަތުރުކުރި ކުރޫއާއި އެއަރޕޯޓް ގްރައުންޑް ސްޓާފުން ހިމެނޭކަމަށެވެ. އަދި އެ މީހުންގެ ތެރެއިން 21 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް މަބްރޫކް ވިދާލުވިއެވެ. އަދި މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާތީ އެމީހާއާ ބައްދަލުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް މަބްރޫކް ވިދާލުވިއެވެ.

އެމީހާ ދިޔަ ދެ ރަށަކީ އެއީ ޖޯލި މޯލްޑިވްސް އަދި ރ. ބޮޑުފުށްޓެވެ. މަބްރޫކް ރޭ ވިދާޅުވީ އެ ދެ ރަށަކީ ވެސް އެމީހާ މަސައްކަތް ކުރުމަށް އައި ދެ ރަށް ކަމަށެވެ.

މިހާތަނަށް 2350 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށާއި އޭގެތެރެއިން 2059 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އަދި ސާމްޕަލް ނެގި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން 272 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އައިސޮލޭޝަން އެކި ފެސިލިޓީތަކުގައި 12 މީހުން ތިބިއިރު ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1019 މީހަކު އެބަހުއްޓެވެ. ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.