ހުޅުމާލޭގައި ގާއިމްކުރާ 300 އެނދުގެ ކަރަންޓީން ފެސިލިޓީއަށް 40 މިލިއަން ހަރަދުވާނެ

ހުޅުމާލޭގައި ގާއިމްކުރާ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ކުރިޔަށް ގެންދަނީ: ފޮޓޯ އެޗްޑީސީ

ހުޅުމާޅޭގައި ގާއިމް ކުރުމަށް ނިންމާފައިވާ 300 އެނދުގެ ކަރަންޓީން ފެސިލިޓީއަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެތަން އިމާރާތް ކުރުމަށް 12 މިލިއަން ހަރަދުވާއިރު އެތަނަށް ބޭނުންވާ ސާމާނުތައް ގަތުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެތަނަކީ "ހުޅުމާލެ މެޑިކަލް ފެސިލިޓީ"ގެ ނަމުގައި ތަރައްގީ ކުރާ ތަނެއް ކަމަށެވެ. އެތަން ތަރައްގީ ކުރަމުން އަންނަނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. އެތަން ތަރައްގީ ކުރަނީ ސާވިސް ބިލްޑިން އަދި އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭ ގޮތަށެވެ.

ސާވިސް ބިލްޑިންގެ ބޭނުމަކީ ލޯންޑަރީއާ ވޭސްޓު މެނޭޖުމަންޓޫ އަދި ބަދިގެއެއްގެ ހިދުމަތްތައް ދިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކޮމަޑޭޝަން ބްލޮކްގެ ބޭނުމަކީ އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އަދި ނަރުހުން ބެހެއްޓުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކާއި އެކުގައި މިހާރުވެސް މުޅި ޖުމްލަ 641 ކަރަންޓީން ފެސިލިޓީ ވަނީ ގާއިމް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *