ކަރަންޓީން ފެސިލިޓީއެއް ކަމަށްވާ ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވިލިވަރުގައި އަލިފާން ރޯވެފައި: ފޮޓޯ / އެމްވީ ކްރައިސިސް

ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފްއިން ބުނީ އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ޓީމު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 19:41 އެހާއިރު ކަމަށެވެ. އަދި އެ ރިސޯޓުގައި ތިބި ސިފައިންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ އެ ރަށުގައި މުދާ ލާފައި ހުރި ކޮންޓެއިނަރެއްގައި ކަމަށެވެ. އަދި މިވަގުތު އަލިފާން އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ވިލިވަރަކީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ހަވާލުގައި އޮތް ރަށެކެވެ. އެ ރަށުގައި ކަރަންޓީނު ފެސިލިޓީ ގާއިމުކޮށްފައިވަނީ އެރަށުގެ އެއްބަސްވުމުގެ މާއްދާއަކަށް އިސްލާހު ގެނެސްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *