އެންމެ ގޯސް ހާލަތުގައި ޖީޑީޕީ މައިނަސް 9 ޕަސެންޓަށް ވެއްޓިދާނެ: ގަވަރުނަރު

ގަވަރުނަރު އަލީ ހާޝިމް --

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހާލަތަށް ބަލާ އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 9 ޕަސެންޓަށް ވެއްޓިދާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ލަފާ ކުރައްވައިފިއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އަދި ދުނިޔެއަށް ވެސް މި ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ބޮޑު އިގްތިސޯދީ ލޮޅުމަކީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ ކަމަށެވެ. އަދި އެ ހާލަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ދިޔަކަން ގަވަރުނަރު އަލީ ހާޝިމް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ ގޯސް ވެދާނެ ހާލަތެއް ކަމަށް ލަފާ ކުރަނީ ކޮވިޑް-19 ގެ ސަބަބުން އެއްވެސް ފަތުރުވެރިޔަކު ރާއްޖެ ނައުން ނުވަތަ ފަތުރުވެރިން ރާއްޖެއަށް މަދުން އައުން ކަމަށެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި 150 މިލިއަން ޑޮލަރު ބޭރުގެ އެހީ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އޭގެތެރެއިން މިހާރު ވަނީ 50 މިލިއަން ޑޮލަރު ލިބިފައެވެ ބާކީ ހުރި ފައިސާގެ ތެރެއިން ވެސް ބައެއް ފައިސާ ހަމަޖެހިފައިވާއިރު އެ ފައިސާތައް ހޯދުމުގެ ގޮތުން އެގްރީމަންޓުތަކުގައި ސޮއި ކުރަންޖެހެއެވެ. އެހެންކަމުން މިހާރު އެ ފައިސާތައް ހޯދުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމުން ދިމާވާ ދަތި ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. ގަވަރުނަރު ވިދާޅުވީ އެ ފައިސާގެ ތެރެއިން މިހާރު 50 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ބާކީ ހުރި ފައިސާތައް ހޯދުމަށް އެގްރީމަންޓުތަކުގައި ސޮއި ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ އެގްރީމަންޓުތަކުގައި ސޮއި ކުރުމަށްޓަކައި އޮތް އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރު ހުއްޓާލާފައި އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.