ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ނުއުމާންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ކޮމިޝަނަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ނޫމާން: ފޮޓޯ / ރައީސް އޮފީސް

ކަސްޓަމްސްގެ ވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަޙްމަދު ނުޢުމާން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސް ސޯލިހު ފޮނުއްވި ތައުޒިޔާގައި ވިދާޅުވީ، ނުޢުމާން އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން އެ ޢާއިލާއާ ފޯނުން ގުޅުއްވައެވެ. މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ނުޢުމާން މި ސަރުކާރަށް އަދި ޚާއްޞަކޮށް ކަސްޓަމްސްއަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އެ މަރުޙޫމްގެ ފުރާނައަށް މާތްﷲ ތަނަވަސް ރަޙްމަތް މިންވަރު ކުރައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. ނުޢުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ރޭ އިރާކޮޅުގެ ވަގުތެއްގައި އިންޑިޔާގެ ބެންގަލޫރުގައެވެ. އަވަހާރަވިއިރު ޢުމުރަކީ 47 އަހަރެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި ނުޢުމާން ޢައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ގައެވެ. އައްޑުއަތޮޅު ހިތަދުއަށް އުފަން ނުޢުމާނަކީ، މީގެ ކުރިންވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސަރުކާރުގެ ޚިދުމާތް ފުރަތަމަ ފަށްޓަވާފައިވަނީ 29 ޖޫން 1991 ގައެވެ. އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރޭޑިޔޯ ޓެކްނީޝަންގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން ކަމުގެ މަގާމުވެސް ނުޢުމާން ފުރުއްވާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.