ކޮވިޑް19: ސަލާމަތްވުމުގެ އުއްމީދު ބޮޑު

ހެލްތް މިނިސްޓަރު އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ކޮވިޑް-19 އިން ސަލާމަތްވުމުގެ އުއްމީދު ރާއްޖެ އަށް އެބައޮތް ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ދެއްވި ހާއްސަ ހިތާބުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ ކަމަށެވެ. މީގެއިތުރުން އޭގެ ނަތީޖާ ފެންނާނީ ހުރިހާ ރައްޔިތުން އެއްބައެއް އަދި އެކުވެރި ބައެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދުނިޔޭގެ އަންދާޒާކުރުމާއި، ލަފާކުރުންތަކާއި ތަފާތުކޮށް، ކޮވިޑް-19 އިން ސަލާމަތްވުމުގެ އުއްމީދު އަޅުގަނޑުމެން ކިބައިގައި އެބައޮތް. އެ އުއްމީދު ހާސިލުވާނީ އެންމެން އެކުގައި މަސައްކަތްކޮށްގެން" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 އިން މިންޖުވާ ދުވަސް އަންނާނެކަން ފާހަގަކުރަވާ މިނިސްޓަރ އަމީން ވަނީ އެ ދުވަސް އައި ނަމަވެސް އަންނަން އޮތް ޖީލުތަކަށް ރަނގަޅު އާބާދީއެއްގެ ގޮތުގައި ގެންގޮސްދެވޭނީ އާންމު ސިއްހަތު ސަލާމަތްކުރުމަށް މަސައްކަތްކޮށްގެން ކަމަށްވެސް ވިދާޅުވެފައެވެ.

"ދިރިއުޅުމުގެ އާދަތަކާއި، ދިރިއުޅުމުގެ އެންމެހައި ކަންކަން އާންމު ސިއްހަތު ރަނގަޅުވާނެ މަގުން ތަރުތީބު ކުރެވިގެން. އެ މަގުން މަސައްކަތް ކުރެވިއްޖެނަމަ އެންމެންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ވާނެ. އަދި އަންނަން އޮތް ޖީލުތަކަކީ ދުޅަހެޔޮ ޖީލުތަކަކަށް ވެގެންދާނެ. ގައުމު އެދޭ މިސްރާބަށް ގައުމު މިސްރާބު ކުރެވޭނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން" އަމީން ވިދާޅުވިއެވެ.

އްޖޭގައި ޢިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ، ޢާއްމު ސިއްޙަތުގެ ޤާނޫނުގެދަށުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި މިފަދަ ފުރަތަމަ ފަހަރެވެ. މިޙާލަތާ ގުޅިގެން މިހާތަނަށް 30އަށްވުރެ ގިނަ ނިންމުންތައް ރާއްޖޭގައި ވަނީ ނިންމާފައެވެ. މިހާލަތުގައިވެސް އެންމެ ގިނަ ފިޔަވަޅުތައް އަޅާފައިވަނީވެސް އާބާދީ ތޮއްޖެހިފައިވާ މާލެ ސަރަޙައްދަށެވެ.

މިފަދަ ނުރައްކާ ދަނޑިވަޅެއްގައި ސިއްޙީ އެހީތެރިންނައި ޑޮކްޓަރުން ކުރަމުންދާ މަސައްކަތުގެ އަގު ތާއަބަދަށް ވަޒަންކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިއްޙީ އެހީތެރިންގެ މަސައްކަތަކީ ކުރިއަށް އޮތް ޖީލަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތެއްކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"ދިވެހިންގެ އެންމެ އަގުހުރި ހަތިޔާރަކީ އެއްބައިވަންތަކަން. މިހާތަނަށްވެސް މިލިބުނު ކާމިޔާބީއަކީ އެންމެންގެ މަސައްކަތް. ދުނިޔެއިން އަންދާޒާކުރަމުންދާ އަންދާޒާތަކާއި ޚިލާފައި، ރާއްޖެއަށް އަދިވެސް މިކަމުން ސަލާމަތްވުމުގެ އުންމީދު އެބައޮތް. މިކަމުން މިންޖުވެވޭނެ ދުވަހެއް އަންނާނެ. މީގެ އަސަރު ކުޑަކޮށް އަންނަންއޮތް ޖީލަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދޭންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ޚިތާބުގައިވަނީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެއްދިފައި އޮތުމަކީވެސް މިފަދަ ދަނޑިވަޅެއްގެ އޭގެ ފައިދާ ކުރަންމުންދާ ނިޢުމަތެއްގެގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. އަދި އޭގެތެރެއިން 13 މީހަކު ބަލިން ވަނީ ރަނގަޅުވެސް ވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ދެނީ ހަތަރު ދިވެހިންނަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.