ޓްރިވެންޑްރަމްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ހޮނިހިރު ދުވަހު ދަތުރުކުރަނީ

މޯލްޑިވިއަންގެ ބޯޓެއް --

އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެންނަން އަންނަ ހޮނިހިރު ދުވަހު މޯލްޑިވިއަން އިން ދަތުރެއް ކުރުމަށް ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޕީއާރް އެންޑް މާކެޓިން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ޓްރިވެންޑްރަމް އަށް ދަތުރުކުރާ މޯލްޑިވިއަންގެ ބޯޓު މި މަހުގެ 11ވަނަ ދުވަހު [އަންނަ ހޮނިހިރު ދުވަހު] ޓްރިވެންޑްރަމް އަށް ދަތުރު ކުރާނެ ކަމަށެވެ.

މޫސަ ވިދާޅުވީ އެ ފްލައިޓުން ރާއްޖެ އަންނާނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައިވަނިކޮށް ފްލައިޓު ކެންސަލްވުމާ ގުޅިގެން އެ ތަނުގައި ތާށިވެފައި ތިބި މީހުންނާއި އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް ޓްރިވެންޑްރަމަށް ގޮސްފައިވާ މީހުން ކަމަށެވެ.

މޯލްޑިވިއަން އިން އަންނަނީ ބައެއް ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލަންކާގައި ތިބި 100އަށްވުރެ ގިނަ ދިވެހިން ގެނެސްފައިވާއިރު އިންޑިއާގެ ކޮޗިންގައި ތިބި 100އަށްވުރެ ގިނަ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މެލޭޝިޔާގައި ތިބި 200 ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ބޯޓެއް ވަނީ މިހާރު ދަތުރު ފަށާފައެވެ.

ރާއްޖެ އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފެސިލިޓީގައި ތިބެން ޖެހޭނެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މިއަދު ކޮޗިން އިން ރާއްޖެ އައި ހުރިހާ އެންމެން ވެސް ވަނީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.