ބިދޭސީއަކު ޓެސްޓު ކުރާތީ ވެލައްސަރު ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ވެލައްސަރު ރިސޯޓު --

ވެލައްސަރު މޯލްޑިވްސް ރިސޯޓު ލޮކްޑައުންކޮށް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިސޯޓުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރަނީ ބިދޭސީއެއް ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ހާލަތުގައި އެ ރަށަށް އަރައި ފޭބުމަކީ މަނާކަމެކެވެ.

ވެލައްސަރުން މީހަކު ޓެސްޓު ކުރާއިރު މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ރާއްޖޭގެ ދެ ރިސޯޓެއްގައި ހުރެފައި އެނބުރި ގައުމަށް ދިޔަ ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ މީހާއަކީ އެ ދެ ރިސޯޓުގައި ވެސް މަސައްކަތްތަކެއް ކުރުމަށް އައިސް އުޅުނު މީހެއް ކަމަށެވެ. އަދި އެމީހާ ޕޮޒިޓިވްވީ ރާއްޖެއިންކަން އަދި ޔަގީން ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެޗްޕީއޭ އިން މިއަދު ބުނީ، އެމީހާ އެނބުރި ގައުމަށް ދިޔައީ ޖޯލި މޯލްޑިވްސް އަދި ރ. ބޮޑުފުށީގައި ހުރެފައި ކަމަށާއި އެހެންކަމުން އެ ދެ ރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ދިޔަފަހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނީ މިހާތަނަށް ހަތަރު މީހެކެވެ. އޭގެތެރެއިން އެކަކަކީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ މީހުންނެވެ. އަދި ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ ކަރަންޓީން ފެސިލިޓީއެއްގައި ހުރުމަށްފަހު ބައްޔަށް ޕޮޒިޓިވް ނޫން ކަމަށް ފުރަތަމަ ހެދި ޓެސްޓުތަކުން ދެއްކުމުން އެނބުރި ގައުމަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުން ފަހުން ހެދި ޓެސްޓުގެ ނަތީޖާ ލިބުނީ އެމީހުން ފުރި ފަހުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 19އަށް އަރާފައެވެ. އެއީ ހަތަރު ދިވެހިންނާއި 15 ބިދޭސީންނެވެ. މީގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންގެ ހާލަތުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *