ޗެނަލް13 ގެ ބަސްމަގު ރަނގަޅުކުރަން ބްރޯޑްކޮމް އިން އަންގައިފި

ޗެނަލް13 އިން މީގެކުރިން ގެނެސްދިން މަޑިސީލަ ޕްރޮގްރާމުގެ ސްކްރީން ޝޮޓެއް --

ޗެނަލް13 ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ޗެނަލްއަށް އަންގައިފިއެވެ.

ޗެނަލް13 އަށް ބްރޯޑްކޮމް އިން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް13 އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަން ކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބްރޯޑްކޮމް އިން ވަނީ ޗެނަލް13 އަށް ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން ބްރޯޑްކާސްޓްކުރާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެ ކޮމިޝަނުން ޗެނަލް13 އަށް ވަނީ އަންގާފައެވެ. އަދި އެ މިންގަނޑާއި ޚިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބްރޯޑްކޮމް އިން ވަނީ ޗެނަލް13 އަށް އަންގާފައެވެ.

ބްރޯޑްކޮމް އިން މިފަދައިން ނަސޭހަތްތެރިވެފައި މިވަނީ މީގެކުރިން ޗެނެލަ13 އިން ގެނެސްދިން "މަޑިސީލަ" ކިޔާ ޕްރޮގްރާމެއް ހުއްޓާލަން ވެސް އަންގާފައި ވަނިކޮށެވެ. އެ ޕްރޮގްރާމް ހުއްޓާލަން އަންގާފައި ވަނީ އެ ޕްރޮގްރާމް މެދުވެރިކޮށް ދޮގު ހަބަރު ފަތުރަމުން ގެންދާތީއެވެ.

Leave a Reply

Your email address will not be published. Required fields are marked *