މެލޭޝިޔާގައި ތިބި އާއިލާތަކަށް ފޮނުވަން ހަވާލުކުރި ކެއާ ޕެކޭޖުތައް ބަލައިގެންފި

މެލޭޝިޔާގައި ތިބި ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖުތައް ފޮނުވުމުގައި: ފޮޓޯ / ހަތާވީސް

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެގައުމުގައި ދިރިއުޅޭ އަދި އެކިއެކި ބޭނުންތަކަށް މިވަގުތު އެގައުމަށް ގޮސް ތިބި ދިވެހިންނަށް ކެއާ ޕެކޭޖުތައް ފޮނުވަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މީހުން ކެއާ ޕެކޭޖުތައް ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ހަވާލު ކުރަން ފޮނުވި ކެއާ ޕެކޭޖުތައް ބަލައިގެންފައިވާ ކަމަށެވެ. މި ފުރުސަތު ފޮރިން މިނިސްޓްރީން ހުޅުވާލީ ރޭގެ ވަގުތެއްގައެވެ. ކެއާ ޕެކޭޖުތައް ހަވާލު ކުރެވޭނެ ގަޑިއެއް ކަމަށް ބުނީ ހެނދުނު 8:00އިން ހަވީރު 16:30ގެ ނިޔަލަށެވެ.

ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި:

ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)

* މަސް ދަޅު ކޭސް

* ނޫޑްލްސް ކޭސް

* ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)

* މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގައި ނުހިމެނޭނެ ތަކެތިވެސް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެއީ:

* ފައިސާ

* ރޯމަސް

*ކޭކު

*ހެދިކާ

*މޭވާ

* ތަރުކާރީ

* ސިނގިރޭޓު

މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލު ކުރުމަށް އައިސް އުޅެ ގައުމެކެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން މެލޭޝިޔާ ލޮކްޑައުން ކޮށްފައިވާއިރު ރާއްޖެއިން ގެނެސްފައިވާ ބައެއް ކާބޯތަކެތި ހުސްވެގެން އެތަކެތި އިތުރަށް ގެންނާނެ ގޮތެއް ނެތިގެން ބައެއް ދިވެހިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.