މެލޭގައި ތިބި ދިވެހިން ގެންނަ ފްލައިޓުގެ ޖާގަތައް ފުލްވެއްޖެ

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ މީހުން ބަލާ ދިއުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓުގެ ޖާގަ ފުލްވެފައިވާ ކަމަށް އެ އެއާލައިން އިން ބުނެފިއެވެ.

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޓިކެޓު ނެގުމުގެ ފުރުސަތު މޯލްޑިވިއަން އިން ހުޅުވާލީ ރޭ 20:00އިން މިއަދު ހެނދުނު 9:00އާ ހަމައަށެވެ.

ނަމަވެސް އެެ އެއާލައިން އިން މިއަދު ހެނދުނު 6:30 ގައި ކުރި ޓްވީޓެއްގައި ބުނީ ފްލައިޓުގެ ޖާގަ ފުލްވުމާއި އެކުގައި ޓިކެޓު ނެގުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެފަދަ އިތުރު ފުރުސަތެއް އެ އެއާލައިނުން ކުރިޔަށް ގެންދާ ކަަމަށްވާނަމަ އެކަން އިއުލާން ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ރާއްޖެއަށް ދާން ބޭނުންވާ 800 އަށް ވުރެން ގިނަ މީހުން މެލޭޝިޔާއިން ރަޖިސްޓްރީވިއެވެ. މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) އެވެ.

މޯލްޑިވިއަން އިން ވަނީ ލަންކާ އަދި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވި ފަރާތްތައް ރާއްޖެ ގެނެސްދީފައެވެ. އެ އެއާލައިން އިން ބުނީ ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ފަރާތްތައް ގެނެވެންދެން ފްލައިޓުތައް ބާއްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *