މެލޭގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖުތައް ފޮނުވުމުގެ ފުރުސަތު

ލަންކާގައި ތިބި ދިވެހިންނަށް ފޮނުވި ކެއާ ޕެކޭޖުތައް: ފޮޓޯ / މޯލްޑިވިއަން

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެގައުމުގައި ދިރިއުޅޭ އަދި އެކިއެކި ބޭނުންތަކަށް މިވަގުތު އެގައުމަށް ގޮސް ތިބި ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ސަރުކާރުން ދީފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ބައެއް ތަކެތި ލިބުމުގައި ކުރިމަތިވާ ދަތިތަކުގެ ސަބަބުން އެގައުމުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ މެލޭޝިޔާއަށް އަންނަ މޯލްޑިިވިއަންގެ ފްލައިޓު މެދުވެރިކޮށް އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖުތައް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެގޮތުން މާދަމާ ހެނދުނު 8:00އިން ފެށިގެން ހަވީރު 16:30ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން އެ ހިދުމަތް ދެމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި:

ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)

* މަސް ދަޅު ކޭސް

* ނޫޑްލްސް ކޭސް

* ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)

* މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގައި ނުހިމެނޭނެ ތަކެތިވެސް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެއީ:

* ފައިސާ

* ރޯމަސް

*ކޭކު

*ހެދިކާ

*މޭވާ

* ތަރުކާރީ

* ސިނގިރޭޓު

މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލު ކުރުމަށް އައިސް އުޅެ ގައުމެކެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން މެލޭޝިޔާ ލޮކްޑައުން ކޮށްފައިވާއިރު ރާއްޖެއިން ގެނެސްފައިވާ ބައެއް ކާބޯތަކެތި ހުސްވެގެން އެތަކެތި އިތުރަށް ގެންނާނެ ގޮތެއް ނެތިގެން ބައެއް ދިވެހިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.