ގެއްލިގެން ހޯދަމުން ދިޔަ ދިވެއްސަކު ވައިގޮޅިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ސިޓީގެ އޭރިއަލް ފޮޓޯއެއް --

މާލެ އިން ގެއްލިގެން ހޯދަމުންދިޔަ ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއަކުން މިއަދު ހެނދުނުން ފެށިގެން އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން މިރޭ 10:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެމީހާ އެގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ މިރޭ 10:36 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *