ކޮވިޑް19 އަށް ޓެސްޓުކުރާ އެންމެންނަކީ ބަލިޖެހޭނެ ބައެއް ނޫން!

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 ގެ އަލާމާތްތައް ފެނި އެ ބައްޔަށް ޓެސްޓު ކުރެވޭ އެންމެންނަކީ އެ ބައްޔަށް ޕޮޒިޓިވްވާނެ ބައެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސްގެ ފަރާތުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް19 އަށް ޝައްކުވެގެން ޓެސްޓު ކުރާ މީހުންގެ ތެރެއިން ނަތީޖާ ނެގެޓިވްވާ މީހުންނާއި އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ރަނގަޅުވެގެން ދޫކޮށްލާ މީހުން، ދޫކޮށްލަނީ އެ ބަލި ނުޖެހޭނެ ކަމުގެ ޔަގީންކަން ބެލުމަށްފަހު ކަމަށެވެ.

ނަމަވެސް މުޖުތަމައުގެ ތެރެއިން އެފަދަ މީހުން ބާކީ ކޮށްލާ އެކަހެރި ކުރާ ކަމުގެ ވާހަކަތަކެއް އަޑުއިވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ޑތ. ވަނީ އެދިވަޑައިގެންފައެވެ.

"އަދިވެސް އެއްފަހަރު އަޅުގަނޑު ފާހަގަކޮށްލަން އައިސޮލޭޗަން ފެސިލިޓީތަކުގައި ތިބޭ މި ބައްޔަށް ޕޮޒިޓިވްވާ މީހުން އަޅުގަނޑުމެން މި ދޫކުރަނީ މައިލްޑް ނޫނީ މޮޑަރޭޓް ކޭސަސްގައި އެމީހުންގެ ގައިން އަލާމާތްތައް ފެންނަ ފަށާތާ 14 ދުވަސް ހަމަ ކުރުމަށްފަހު އަލާމާތްތައް އެއްކޮށް ރަނގަޅުވީމަ އަދި އޭގެ އިތުރަށް ދެ ނެގެޓިވް ޓެސްޓު އެމީހުންގެ އައީމަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 1.793 މީހުންގެ ސާމްޕަލް ނަގާފައިވާއިރު އެގެތެރެއިން 1،774 މީހުން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށެވެ. ސާމްޕަލް ނެގި މީހުންގެ ތެރެއިން 19 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ އޭގެތެރެއިން 13 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި މިހާރު އެ ބައްޔާއި ގުޅިގެން ފަރުވާ ދެމުން ދަނީ ހަތަރު މީހަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.