މޫމިނާގެ މޫނު ދެކިލަން ރައީސް ޔާމީން ވަޑައިނުގެން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް މިއަދު އަވަހާރަވިއިރު އެކަމަނާގެ މޫނު ދެކިލުމަށް ރައީސް ޔާމީން ވަޑައިނުގަންނަވާ ކަމަށް ބުނެ ރާއްޖެ އެމްވީ އިން ލިޔެފައިވާ ހަބަރަކީ ދޮގެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އަދި ޕީއެންސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މި ދަނޑިވަޅަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ފުން ހިތާމައެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި ބައެއްގެ ސިޔާސީ މުހުތާދުތައް ފުއްދުމަށް އެފަދަ ހަޑި މުޑުދާރު ކަންކަންކޮށް، އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަނެ އެމަނިކުފާނުގެ އާއިލާއަށް އިތުރު ހިތާމައާ އަނިޔާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.

އެ ކޯލިޝަނުން ބުނީ ރާއްޖެ އެމްވީގެ އެ އަމަލަކީ ނޫސްވެރިިކަމުގެ އެތިކްސްއާ މުޅިން ހިލާފު އަމަލެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ރައީސް ޔާމީންގެ އަގު ވައްޓާލުމަށް އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖެ އެމްވީގައި އެ ހަބަރު ލިޔުނު ފަރާތުންނާއި ރާއްޖެ އެމްވީގެ ފަރާތުން އެމަނިކުފާނާއި އާއިލާގެ ކިބައިން މައާފަށް އެދުމަށްވެސް ވަނީ ގޮވާލާފައެވެ.

އަދި އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާ ފިޔަވަޅު އެޅުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މޫމިނާ އަބްދުލްގައްޔޫމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅުވެސްމެއެވެ. އެކަމަނާ ފަސްދާނުލައްވާފައި ވަނީ މިއަދުގެ އަސްރު ނަމާދަށްފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *