ކޮވިޑް19 ގެ ވިލާގަނޑު ތޫފާނަކަށް ބަދަލުވާނެ އިރެއް ބުނާކަށް ނޭނގޭ: އަމީން

ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ: ފޮޓޯ / ހެލްތު މިނިސްޓްރީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ގެ ނުރައްކާތެރިކަން އަދިވެސް ކުޑަ ނުވާ ކަމަށާއި އެ ވިލާގަނޑު ތޫފާނަކަށް ބަދަލުވާނެ އިރު ދަންނަވަން ނޭނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކޮވިޑް19 ގެ ޓެސްޓު ހެދުމަށް ހަދިޔާ ކުރި އިތުރު 5،000 ކިޓު ހަވާލު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވަނީ ކަމާބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލެނބުމަށް އާއްމުންނަށް އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ އިރުޝާދުތަކަށް ބޯ ނުލަނބައިފި ނަމަ ރާއްޖޭ ހޯދާ ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ.

"ވިލާގަނޑު އެއްވެސް ފަރާތަކަށް ސޮއްސާލައިގެނެއް ނުދޭ. އޭގެ ނާމާން ކަމާއި ބިރުވެރިކަން އަޅުގަނޑުމެން ބޯމަތީގައި އޮތް ވަރަށް އެބައޮތް. އެ ވިލާގަނޑު ކޮޅިގަނޑަކަށް ނޫނީ ތޫފާނަކަށް ބަދަލުވާނީ ކޮން އިރަކުކަން ނޭނގޭ ހާލަތުގައި އަޅުގަނޑުމެން މިތިބީ." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަވީރު 17:00 އިން ރޭގަނޑު 20:00އަށް ކާފިއު ހިންގާއިރު ގިނަ އަދަދެއްގެ މީހުން ގެއިން ބޭރަށް ނުގޮސް ތިބޭ ތިބުމުގެ ހަގީގީ މަންޒަރު ކާފިއުގެ ވަގުތު ނިމުން ފެންނަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ކާފިއުގެ ވަގުތު ނިމުމުން މީހުން މަގުތަކަށް ނިކުންނަ ވާހަކައެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ވަނީ ރާއްޖެއަށް 5،000 އިތުރު ޓެސްޓު ކިޓު ހަދިޔާ ކޮށްފައެވެ. މި ކިޓުތަކާއި އެކު މިހާތަނަށް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 11،000 ޓެސްޓު ކިޓު ހަދިޔާކޮށްފައެވެ.

ޑަބްލިއެޗްއޯއިން ރާއްޖެ އަށް 5000 ޓެސްޓްކިޓް ހަދިޔާކޮށްފައިވައިރު، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޑަބްލިއެޗްއޯގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެޖަމާއަތުގެ މަންދޫބު ޑރ. އަރުވިންދު މާތޫރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބަލިން ރައްކާތެރުވުމަށް އަޅާ ފިޔަވަޅުގައި ރާއްޖެއިން މިހާރު އެންމެ ބޮޑަށް އަމާޒުކުރަނީ ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަރުދަނާކޮށް، ކިރިޔާވެސް ބައްޔަށް ޝައްކުވާ މީހެއް ހުރިނަމަ އެމީހަކު އަވަހަށް ޓެސްޓްކުރުމަށް ކަމަށެވެ. އެގޮތުން މިހާރު މާލޭ ސަރަޙައްދުގައި އެކަނި ޓެސްޓް ކުރުން ކުރިއަށް ގެންދިޔަ ނަމަވެސް، އަތޮޅުތަކުގައިވެސް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ޑަބްލިޔުއެޗްއޯއާ އެކު މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ދުރާލާ އެޅި ފިޔަވަޅުތައް ފާހަގަކޮށް، އެކަމަށް ވަނީ ތައުރީފްކުރައްވާފައެވެ. އަދި ވަގުތުން ވަގުތަށް އާއްމުންނަށް މައުލޫމާތު ހިއްސާކުރުމާއި އަދި ރައްޔިތުންވެސް އެކަމުގައި ދޭ އެއްބާރުލުން ޑރ. އަރްވިންދު ފާހަގަކުރެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *