މިދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ގާނޫނީ ހުރަހެއް ނެތް: އޭޖީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ ރިފްއަތު ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މި ދަނޑިވަޅުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މިއަހަރު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމާއި ގުޅިގެން ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ހުށަހަޅާފައި ވުމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން މިއީ ގާނޫނުއަސާސީ އިސްލާހު ކުރުން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ގައުމަށް މިފަދަ ދަނޑިވަޅެއް ދިމާވެފައިވާއިރު ގާނޫނުއަސާސީގައި އަތްނުލުމަށް އިލްތިމާސްކޮށްފައެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތްތަކުގައި ގާނޫނުއަސާސީގައި އަތްލާ އެއަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނީ ހުދުމުހުތާރު ވެރިން ކަމަށެވެ. އާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ބޮޑެތި ބާރުތަކެއް ލިބިގެންދާ ކަމަށާއި އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަރަށް ގިނަ ކަންކަން މަނާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާޒިމް ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

“އަޅުގަނޑުމެންގެ ދިރިއުޅުންވެސް އާއްމު ހާލަތަށް އައީމަ ނޫނިއްޔާ ގާނޫނު އަސާސީގަ އަތްލުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. މިހާލަތުގަ ގާނޫނު އަސާސީގައި އަތްލެވިގެން ނުވާނެ،” އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެކަމާއި ދެކޮޅު ހައްދަވާ މެންބަރުންވެސް ތިއްބެވިއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ މިއީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށް ވިދާޅުވެފައެވެ. ވިދާޅުވީ މިއީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ހާލަތެއް ކަމަށާއި މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އޮތް ހުރަހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ޖޫން ތިނެއްގައި ހަމަވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކުރައްވާފައި ނުވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ފާސްވުމަށްފަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ ލޯކަލް ކައުންސިލް އެކުލެވޭ ގޮތް ކަމަށް އަދި އެ ކައުންސިލްތައް އިންތިހާބު ކުރަންޖެހޭ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން ގާނޫނު އަސާސީއަށް ގެންނަ މި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން އިންތިހާބު ކޮށްފައިވާ އަދި މި އިސްލާހަށް އަމަލުކުރަން ފަށާއިރު މަގާމުގައި ދެމި ތިބި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *