ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުން، މެންބަރުންގެ ހިޔާލު ތަފާތު!

ގާނޫނު އަސާސީ އިސްލާހު ކުރުމާއި ދެކޮޅަށާއި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގައި ވާހަކަދެއްކެވި ބައެއް މެންބަރުން--

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް މެންބަރުންގެ ހިޔާލު ތަފާތުވެއްޖެއެވެ.

މިއަހަރު ބޭއްވުމަށް ނިންމި ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމާއި ގުޅިގެން ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ފާސްވުމަށްފަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ ލޯކަލް ކައުންސިލް އެކުލެވޭ ގޮތް ކަމަށް އަދި އެ ކައުންސިލްތައް އިންތިހާބު ކުރަންޖެހޭ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން ގާނޫނު އަސާސީއަށް ގެންނަ މި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން އިންތިހާބު ކޮށްފައިވާ އަދި މި އިސްލާހަށް އަމަލުކުރަން ފަށާއިރު މަގާމުގައި ދެމި ތިބި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

މިކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ގައުމަށް މިފަދަ ދަނޑިވަޅެއް ދިމާވެފައިވާއިރު ގާނޫނުއަސާސީގައި އަތްނުލުމަށް އިލްތިމާސްކޮށްފައެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތްތަކުގައި ގާނޫނުއަސާސީގައި އަތްލާ އެއަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނީ ހުދުމުހުތާރު ވެރިން ކަމަށެވެ. އާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ބޮޑެތި ބާރުތަކެއް ލިބިގެންދާ ކަމަށާއި އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަރަށް ގިނަ ކަންކަން މަނާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އާޒިމް ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ދިރިއުޅުންވެސް އާއްމު ހާލަތަށް އައީމަ ނޫނިއްޔާ ގާނޫނު އަސާސީގަ އަތްލުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. މިހާލަތުގަ ގާނޫނު އަސާސީގައި އަތްލެވިގެން ނުވާނެ،" އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމްގެ އިތުރުން ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ވެސް އެކަން އޮންނަ ގޮތްކަން ފާހަގަކުރައްވާ ހަސަން އަފީފް ވިދާޅުވީ އެކަމަކީ ހެލްތު މިނިސްޓަރު ނުވަތަ އެހެން ބޭފުޅަކުވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް މި ބޭފުޅުންގެ ވާހަކަތަކާއި ހިލާފަށް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ މިއީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށް ވިދާޅުވެފައެވެ. ވިދާޅުވީ މިއީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ހާލަތެއް ކަމަށާއި މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އޮތް ހުރަހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މި ދަނޑިވަޅުގައި ގާނޫނުއަސާސީގައި އަތް ނުލައިފިނަމަ، ގާނޫނު އަސާސީގައި ކޮންމެހެން އަތްލަންޖެހޭ ހާލަތެއްގައި މެނުވީ އަތްލާގެން ނުވާނެ. އެހެންނަމަވެސް އަތްލާންޖެހޭ ހާލަތަކަށް އައިސްފަ އޮތްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ މި ދަންވަނީ. މިވަގުތު ގާނޫނު އަސާސީއަށް ގެންނަން މިޖެހޭ އިސްލާޙު ނުގެނެސްފިނަމަ ދެން އެ ދެވެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލަށް ވަރަށް ބޮޑެތި ބާރުތަކެއް އިންތިހާބުތަކާއި ކުޅެން،" މި ބަހުސްގައި ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *