ކޮވިޑް19 އަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އައިޖީއެމްއެޗުގައި އިތުރު ކުރަނީ

ކޮވިޑް19 އަށް ޓެސްޓު ކުރަނީ: ފޮޓޯ / ޕޮލިސް

ސަރުކާރު ހޮސްޕިޓަލު އައޖީއެމްއެޗްގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް، އިތުރު މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް19 ޓެސްޓްކިޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާޙިމް ސަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މި އެ ބައްޔަށް ޓެސްޓު ކުރުމަށް މިވަގުތު ހުރީ ދެ މެޝިންއެވެ. ސަލީމް ވިދާޅުވީ އިތުރު މެޝިނެއް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ސަލީމް ވިދާޅުވާ ގޮތުގައި މި ހަފްތާގެ ތެރޭގައި އެ މެޝިންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިހާރު އައިޖީއެމްއެޗުގައި ޓެސްޓު ކުރެވޭ ކެޕޭސިޓީއަކީ 200 ޓެސްޓެވެ. ނަމަވެސް އިތުރު މެޝިނެއް ބެހެއްޓުމާއި އެކު އެ އަދަދު 300 އިތުރުވެގެންދާނެ ކަމަށް އައިޖީއެމްއެޗުގެ ސީއީއޯ ވިދާޅުވެއެވެ.

ސަލީމް ވިދާޅުވީ ޓެސްޓް ކުރުމަށް ބޭނުންވާ ޓެކްނީޝަނުންގެ ދަތިކަމެއް ނެތްކަމަށެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލްގެ ލެބް ޓެކްނީޝަނުންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން، (ޝީ)ގެ ލެބް ޓެކްނީޝަނުން ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 1500އަށްވުރެ ގިނަ މީހުން ޓެސްޓު ކޮށްފައިވާއިރު އޭގެތެރެއިން ޕޮޒިޓިވްވެފައި ވަނީ 19 މީހެކެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. އަދި އެ ބަލިން މިހާރު 13 މީހަކު ރަނގަޅުވެފައިވާއިރު ބައެއް މީހުން ވަނީ ދޫވެސްކޮށްލާފައެވެ. މިހާރު މި ބައްޔަށް ފަރުވާ ދެމުން ދަނީ ހަތަރު މީހަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.