އިތުރު 5،000 ކިޓު ރާއްޖެއަށް ޑަބްލިއުއެޗްއޯ އިން ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ޓެސްޓު ކިޓުތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމއްޔާތުގެ ތެރެއިން: ފޮޓޯ ހެލްތު މިނިސްޓްރީ

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް ކޮވިޑް19 އަށް ޓެސްޓު ކުރަން އިތުރު 5،000 ކިޓު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ވަނީ ރާއްޖެއަށް 5،000 އިތުރު ޓެސްޓު ކިޓު ހަދިޔާ ކޮށްފައެވެ. މި ކިޓުތަކާއި އެކު މިހާތަނަށް ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެއަށް 11،000 ޓެސްޓު ކިޓު ހަދިޔާކޮށްފައެވެ.

ޑަބްލިއެޗްއޯއިން ރާއްޖެ އަށް 5000 ޓެސްޓްކިޓް ހަދިޔާކޮށްފައިވައިރު، މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ޑަބްލިއެޗްއޯގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެޖަމާއަތުގެ މަންދޫބު ޑރ. އަރުވިންދު މާތޫރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބަލިން ރައްކާތެރުވުމަށް އަޅާ ފިޔަވަޅުގައި ރާއްޖެއިން މިހާރު އެންމެ ބޮޑަށް އަމާޒުކުރަނީ ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަރުދަނާކޮށް، ކިރިޔާވެސް ބައްޔަށް ޝައްކުވާ މީހެއް ހުރިނަމަ އެމީހަކު އަވަހަށް ޓެސްޓްކުރުމަށް ކަމަށެވެ. އެގޮތުން މިހާރު މާލޭ ސަރަޙައްދުގައި އެކަނި ޓެސްޓް ކުރުން ކުރިއަށް ގެންދިޔަ ނަމަވެސް، އަތޮޅުތަކުގައިވެސް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ޑަބްލިޔުއެޗްއޯއާ އެކު މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރްވިންދް މާތުރު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ދުރާލާ އެޅި ފިޔަވަޅުތައް ފާހަގަކޮށް، އެކަމަށް ވަނީ ތައުރީފްކުރައްވާފައެވެ. އަދި ވަގުތުން ވަގުތަށް އާއްމުންނަށް މައުލޫމާތު ހިއްސާކުރުމާއި އަދި ރައްޔިތުންވެސް އެކަމުގައި ދޭ އެއްބާރުލުން ޑރ. އަރްވިންދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޯވިޑަށް ޓެސްޓް ކުރުމަށް ދެ ވައްތަރެއްގެ ކިޓް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކޮވިޑް19 އަށް ޓެސްޓްކުރާ ކިޓްތަކާއި އަދި ކޮރޯނާ ވައިރަހަށް ޓެސްޓް ކުރާ ކިޓުތަކެވެ. އެގޮތުން ކޮވިޑަށް ޓެސްޓް ކުރާނީ ކޮރޯނާ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ދައްކާ މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *