މެލޭޝިޔާއިން އަންނަން ބޭނުންވާ ދިވެހިންނަށް އޮންލައިންކޮށް ޓިކެޓު ގަނެވޭނެ، ފުރުން އޮތީ ބުދަ ދުވަހު!

މޯލްޑިވިއަންގެ ޓިކެޓު އޮފީހެއް: ފޮޓޯ / އަވަސް

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެއަށް ދާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ޓިކެޓު ގަނެވޭނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް މިއަދު ހަވީރު 17:00 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށެވެ. މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައި ވަނީ މި މަހުގެ 8 ވަަނަ ދުވަހު (ބުދަ ދުވަހު) ކަމަށާއި ފުރާ ވަގުތަކީ މެލޭޝިއާ ގަޑިން ހެނދުނު 6 ޖަހާއިރު ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ނަމަވެސް ފުރާގަޑިއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

ރާއްޖެއަށް ދާން ބޭނުންވާ 800 އަށް ވުރެން ގިނަ މީހުން މެލޭޝިޔާއިން ރަޖިސްޓްރީވެއްޖެ ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. އެ ކޮމިޝަނުން ބުނީ ލޭޝިޔާއާއި ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރަން ހުޅުވާލެވުނު ލިސްޓްގައި، މިހާތަނަށް 800 އަށް ވުރެ ގިނަ ދިވެހިން ރެޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.

ހައި ކޮމިޝަނުން ބުނީ، މިހާރު ކަންކަން ހަމަޖެހިފައިވާ ގޮތުން މި ފްލައިޓުން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ބުކިން ހަދައި ދިނުމާއި، ޓިކެޓް ވިއްކުމުގެ ކަންކަން ހަމަޖައްސާނީ ސީދާ މޯލްޑިވިއަން އިން ކަމަށެވެ. އެހެންކަމުން ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވިއަން އިން ކުރާ އިއުލާނާ އެއްގޮތަށް ޓިކެޓް ބައްލަވައި ގަތުމަށްވަނީ ދަންނަވާފައެވެ.

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ)އެވެ. މޯލްޑިވިއަން އިން ރޭގެ ވަގުތެއްގައި ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ދިވެހިންގެ ތެރެއިން 100އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *