ރާއްޖެއަށް ދާން ބޭނުންވާ 800 އަށް ވުރެން ގިނަ މީހުން މެލޭޝިޔާއިން ރަޖިސްޓްރީކޮށްފި

މެލޭޝިއާ/ ފޮޓޯ- ގޫގުލް

ރާއްޖެއަށް ދާން ބޭނުންވާ 800 އަށް ވުރެން ގިނަ މީހުން މެލޭޝިޔާއިން ރަޖިސްޓްރީވެއްޖެކަމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ލޭޝިޔާއާއި ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރަން ހުޅުވާލެވުނު ލިސްޓްގައި، މިހާތަނަށް 800 އަށް ވުރެ ގިނަ ދިވެހިން ރެޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.

ހައި ކޮމިޝަނުން ބުނީ، މިހާރު ކަންކަން ހަމަޖެހިފައިވާ ގޮތުން މި ފްލައިޓުން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ބުކިން ހަދައި ދިނުމާއި، ޓިކެޓް ވިއްކުމުގެ ކަންކަން ހަމަޖައްސާނީ ސީދާ މޯލްޑިވިއަން އިން ކަމަށެވެ. އެހެންކަމުން ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވިއަން އިން ކުރާ އިއުލާނާ އެއްގޮތަށް ޓިކެޓް ބައްލަވައި ގަތުމަށްވަނީ ދަންނަވާފައެވެ.

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) އެވެ. މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނީ، މެލޭޝިޔާއާ ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު ހައިކޮމިޝަނަށް ފޮނުވުން އެދޭ ކަމަށެވެ.

މޯލްޑިވިއަން އިން އަންނަނީ މެލޭޝިޔާގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއާ ޓްރިވެންޑްރަމް އަށް ވެސް ދަތުރު ކުރުމަށް ނިންމާފައެވެ. ލަންކާ އިން އަންނަ މީހެއްގެ އަތުން ނަގާނީ 4،626 (300) ޑޮލަރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ކޮޗިން އިން އަންނަ މީހުންނަށް 4،086 ރުފިޔާއެވެ. މީގެކުރިން ލަންކާއާ ދެމެދުގެ ދެކޮޅު ޓިކެޓް 4،142 ރުފިޔާއަށް ލިބެއެވެ. ރާއްޖެ-ކޮޗިންގެ ދެކޮޅު ޓިކެޓް އާއްމުކޮށް 2،775 ރުފިޔާ އަށް ލިބެއެވެ.

މި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ނާދެވިފައި ވަނީ ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން ގައުމުތަކުން އެއާޕޯޓުތައް ބަންދު ކުރުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *