ޗައިނާގެ ލީޑަރެއްގެ ގޮތުގައި ޝީ ޖިންޕިންގެ މުސްތަގުބަލު އޮންނާނީ ކިހިނެއް؟

ޗައިނާގެ ރައީސް ޝީ ޖިންޕިން

ކޮރޯނާ ވައިރަސްއަކީ ޗައިނާގެ މިޒަމާނުގެ ތާރީޚު ބަދަލުކޮށްލާނެ ހާދިސާއެކެވެ. އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ 1989ގައެވެ. އެއީ، ޑިމޮކްރެސީއަށް އެދިގެން ޒުވާނުން ނިކުމެ، ކުރި، ޓިއަނަމަން މައިދާނުގެ ހާދިސާއިން މަޝްހޫރުވި، ހާދިސާއެވެ. ޗައިނާގެ ތާރީޚު ހެކި ދޭ ގޮތުން ޗައިނާއަށް ކާރިސާއެއް ކުރިމަތިވާނީ ވެރިޔަކަށް ހުންނަ މީހާ ރައްޔިތުންނަށް އަނިޔާވެރިވުމުން އޭނާގެ ވެރިކަމުގެ ބާރު ނިގުޅައި ގަތުމަށް މަތިން ބާވައި ލައްވާ "ކޯފާއެއް"ގެ ގޮތުގައެވެ. ޗައިނާގެ މިހާރުގެ ލީޑަރު ޝީ ޖިންޕިންގ ވެސް ވެރިކަން ކުރައްވަނީ ބޯދާ ޒަމާނުގެ ޗައިނާގެ ރަސްކަލުން ވެރިކަން ކުރެއްވިހެންނެވެ. އަދި އަނިޔާވެރިކަމުގެ ވަސް ވެސް އޭނާގެ ވެރިކަމުގެ ހުރިހައި ދިމާލަކުން ދުވައެވެ. ވޫހާން ކޮރޯނާ ވައިރަސް މިއީ އޭނާގެ ވެރިކަމުގެ ސިއްކަ ޖެހުމެއް ބާވައެވެ. މިހާރު ކަންކަން ފެންނާން ހުރިގޮތުން މިކަމުން އޭނާއަށް އަސަރެއް ކުރާނެހެނެއް ހިއެއް ނުވެއެވެ. ނަމަވެސް އޭނާގެ ނަން ރީތި ކޮށްލުމަށްޓަކައި އެތައް ބަޔަކު މީގައި ކަތިލެވިގެންދާނެ ކަމަށް ބެލެވެއެވެ.

ވޫހާން ކޮރޯނާ ވައިރަސްއާ ގުޅުވައިގެން ޗައިނާގެ ތާރީޚް ވެސް ލިޔެވޭނެއެވެ. ޝީ ޖިންޕިންގ ގެ ވާހަކަވެސް ލިޔެވޭނެއެވެ. އެކަމަކު މި ބާބުގައި ލިޔެވޭނީ، ވޫހާން ކޮރޯނާ ވައިރަސްގެ ދުވަސްވަރު ޝީ އޮންނެވީ "ފިއްލަވައިގެން" ކަމަށެވެ. އަދި 11 މިލިއަން މީހުން ހޫބެއި ޕްރޮވިންސްގައި ހިސާރުކޮށްގެން ގެންގުޅު ކަމަށެވެ. އަދި ޝީގެ ސަރުކާރުން ކަން ކުރިގޮތް ދުނިޔެއަށް ބޭޒާރުކޮށްދިން ޑޮކްޓަރާއި ސަރަހައްދީ މަސްއޫލުވެރިން ޝީގެ ސަރުކާރުން ކަތިލައި ނަން ހުތުރުކޮށްލި ގޮތުގެ ވާހަކައެވެ. ކޮރޯނާ ވައިރަސްގައި ވާނުވާ ނޭގި ޗައިނާ ރައްޔިތުން މޮބައިލް ފޯނުތަކުން ފަހުގެ ޚަބަރުތަކަށް ބަލަބަލާ ތިބިއިރު ޝީ އޮންނެވީ މުޅި ޖެނުއަރީ މަސް ނިމެންދެން ފިއްލަވައި، ރަޖާ އަޅުއްވައި ގެންނެވެ. ގައުމާ މުޚާތަބެއް ނުކުރައްވައެވެ. ރައްޔިތުންނަށް އެއްޗެސް ސާފުކޮށެއް ނުދެއްވައެވެ. އޭނާވެސް އަދި އޭނާގެ މަސްއޫލުވެރިއެއްގެވެސް ހިލަމެއް މީޑިއާގައި ނުވެއެވެ. އެއަށްފަހު ފެބްރުއަރީގައި މޫނު މަތީ މާސްކެއް އަޅުއްވައިގެން ބެއިޖިންގއިން ވީޑިއޯ ކޮންފަރެސްންސް މެދުވެރިކޮށް، ތިން ހަސްފަތާލެއްގައި މަސައްކަތް ކުރާ މީހުންނާ އޭނާ މުޚާތަބު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ވޫހާނަކީ ތާރީޚީ ސިޓީއެކެވެ. ކުރިންވެސް އެސިޓީން ކަންކަމާ ކުރިމަތިލާފައިވާނެ ކަމުގައެވެ. މި ވާހަކަ ކޮޅާ އަޅުވައިގެން ކަންނޭނގެއެވެ! ކޮމިއުނިސްޓް ޕާޓީން ޝީއަށް ދިން ލަގަބަކީ، "ވަބާ އާ ދެކޮޅަށް ރައްޔިތުން ކުރާ ހަނގުރާމައިގެ ކޮމާންޑަރު"ގެ ލަގަބެވެ! ކޮމާންޑަރާ މެދު ސިފައިން ނުރުހިފައި ތިބިކަންވެސް އެސާހިތަކުން އެނގިގެން ދިޔައެވެ. ސަރުކާރުން ވޫހާން ކޮރޯނާ ވައިރަސްއާ ދެކޮޅަށް ފެށި މަސައްކަތުގައި ސިފައިންގެ ތެރެ ކޮރަޕްޓް ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ބުނެ ސިފައިންގެ އިސްފަރާތުން ނިންމީ ސަރުކާރުން އަންގާ އެންގުންތަކަށް ސިފައިންގެ ވަކިވަކި ފައުޖުތައް ތަބާ ނުވުމަށެވެ. ސިފައިންގެ އެތައް ޑިޕާޓްމަންޓެއް ގުޅިގެން ނެރުނު ބަޔާންގައި 13 ކަމެއް ސިފައިންނަށް މަނާކޮށްފައި އޮތެވެ. އޭގެ ތެރޭގައި، އެއްވެސް ފަރާތަކުން ސިފައިންގެ ފައުޖުތަކަށް ޒިޔާރަތް ކުރުމާއި، ސަރުކާރުގެ ފަރާތަކުން ދޭ އެއްވެސް އެހީއެއްގައި ނުހިފުމާއި، ފައިސާ ބަލައި ނުގަތުންފަދަ ކަންކަން ހުއްޓުވާފައި އޮތެވެ.

ކޮވިޑް 19ގެ ނަމުން މަޝްހޫރުވެފައިވާ ވޫހާންގައި އުފެދި އާންމުވި، ވޫހާން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާ ސިފައިން ގަދައަށް މަސައްކަތް ކުރިއެވެ. 2019ވަނަ އަހަރު ޗައިނާއިން އިންތިޒާމް ކުރި ދުނިޔޭގެ ސިފައިންގެ ކުޅިވަރުތައް ބާއްވާފައިވަނީވެސް ވޫހާންގައެވެ. ކޮންސްޕިރަސީ ތިއަރީތައް ހޯދައި ފޮތް ލިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ކޮރޯނާ ވައިރަސްއިން ދުނިޔޭގެ ގައުމުތަކުގެ ސިފައިން ދިފާއުވުމަށްޓަކައި އެމީހުންނަށް މިވައިރަސް ފޮނުވާލުމަށްޓަކައި ޗައިނާއިން ވޫހާންގައި އިންތިޒާމްކުރި ކުޅިވަރު މުބާރާތެއްކަމުގައެވެ.

ވޫހާން ކޮރޯނާ ވައިރަސް ދިމާވި ދަނޑިވަޅަކީ، ޗައިނާގެ ގިނަ އަދަދެއްގެ މީހުން އެތެރޭގައި ދަތުރުފަތުރަށް ނިކުތް ދުވަސްވަރެކެވެ. އެހެންވެ، ޗައިނާއިން ލަފާކުރިވަރަށް ވުރެން ބޮޑަށް ވައިރަސްގެ އަސަރު ފާޅުވެ، ފެތުރިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ އެތައް ސިނާއަތެއް ހުއްޓުމަކަށް އައެވެ. ސިފައިން ބަންނަމުން ދިޔަ ޗައިނާގެ މަތިންދާބޯޓް އުފުލާ ތިން ވަނަ މަނަވަރު ބަނުމުގެ މަސައްކަތްވެސް ހުއްޓުމަކަށް އައެވެ. ޗައިނާގެ ވައިގެ އުޅަނދުތައް ބަންނަމުންދާ ކާރުޚާނާތަކުގެ މަސައްކަތްވެސް ހުއްޓުމަކަށް އައެވެ. ސަބްމެރިން ބަނުމުގެ މަސައްކަތް ކުރަމުންދާ ކާރުޚާނާތަކުގެ މަސައްކަތްވެސް ހުއްޓުނެވެ. މި ކާރުޚާނާއަކީ ވޫހާންގައި ހުންނަ ކާރުޚާނާއެކެވެ.

ޗައިނާ ސިފައިންގެ މި ކާރުޚާނާތައް ހުއްޓުމުން ސިފައިންގެ ބާރުގަދަ ކުރުމަށް އުފައްދަމުންދާ ސާމާނާއި ވަސީލަތަށް ބުރޫއެރުމުން ސިފައިންނަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަދި ޚަބަރުތައް ބުނާ ގޮތުން ސިފައިންގެ ތެރެއަށް އަލަށް މީހުން ވެއްދުމަށް އިޢްލާންކޮށްފައިވާ ތާރީޚްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. ސިފައިންނާ ގުޅޭ އުފެއްދުންތަކަށް ބުރޫއެރުމުގެ ސަބަބުން ސިފައިންގެ މަސައްކަތުގެ ތާވަލަށްވެސް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައެވެ.

ވޫހާން ކޮރޯނާ ވައިރަސްއާއެކު ޗައިނާގެ ސަރުކާރުގައި އެހެން ވައްތަރެއްގެ ވައިރަހެއްވެސް އަށަގެންފައި ވެއެވެ. އެއީ، އަމިއްލަ ރައްޔިތުންނާ މެދު ޝައްކު ކުރުމެވެ. އިންޓަރނެޓްގައި ޗައިނާ ރައްޔިތުންގެ ހަރަކާތްތަކަށް ސަރުކާރުން ވަރަށް ގަދައަށް ފާރަވެރިވެއެވެ. ސަރުކާރު ނުރުހުންވާފަދަ އެއްޗެއް މީހަކު އިންޓަރނެޓްގައި ޝާއިއުކޮށްފިނަމަ އެއީ، ސިޔާސީގޮތުން ހަރުކަށި އެއްޗެއްކަމަށް ބުނެ އެ އެއްޗެއް ފޮހެލެވެއެވެ. މިކަންކަން މިކުރަނީ މަސްނޫއީ ސިކުނޑިތަކުންނެވެ. މިކަން މިހެން ވެގެން މިދިޔައީ ޗައިނާ ސަރުކާރުން ބޭނުންވީ ވޫހާން ކޮރޯނާ ވައިރަސްގެ ވާހަކަ ސިއްރު ކުރާށެވެ. އަދި ރައްޔިތުން މިވާހަކަ ބޭޒާރުކޮށް ސަރުކާރަށް ފާޑު ނުކިޔާށެވެ.

ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އޮކްޓޯބަރު 2019ގައި ފެތުރެން ފެށި، ކޮރޯނާ ވައިރަސް ޖެނުއަރީ މަހު ކޮންޓްރޯލުން ނެއްޓުމުން އެކަން ސަމާލުކަމަށް ގެނައި ޑރ. ލީ ވެންލިއާންގއަށް މަސްއޫލުވެރިން އަދަބު ދިނެވެ. އަދި ފުލުހުންގެ ބަންދުގައި ހުއްޓައި އޭނާ މަރުވެ ދިޔައީއެވެ. މިއިރު އޭނާ މަރުވުމުން ވޫހާންގެ ހަސްފަތާލުން އެކަން ދޮގު ކުރިއެވެ. މިކަމުން ރައްޔިތުންގެ ނަފްރަތު އިތުރުވެގެން ދިޔައީއެވެ. ޑރ. ވެންލިއާންގ މަރުވުމާއެކު ޗައިނާގެ އެތައް ބަޔަކު ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "30 އަހަރު ވަންދެން ޗައިނާ ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ އެމީހުންގެ މިނިވަންކަން އެމީހުންގެ އާންމު ސަލާމަތަށްޓަކައި ދޫކޮށްލާފައި ބާއްވާށެވެ. މިހާރު ޗައިނާ ރައްޔިތުން މިވަނީ އާންމު ސިއްހަތުގެ ވަބާގެ ޝިކާރައަކަށްވެފައެވެ. އަދި ނުރައްކަލަށް ހުށަހެޅިފައެވެ. އަހަރަމެންނާ ކުރިތިވެފައި މިވަނީ އިންސާނީ ކާރިސާއެކެވެ."

މިބަޔާނުގައި ސޮއިކުރި މީހުން ސަރުކާރަށް ފަސްކަމަށް އެދުނެވެ. އެމީހުން އެދުނީ ޑރ. ލީ މަރުވި ދުވަސް، 6 ފެބްރުއަރީ 2020، އެއީ ޗައިނާގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާށެވެ. އަދި ޗައިނާގެ ގާނޫނުއަސާސީގައި ބުނާ ގޮތަށް ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށެވެ. އަދި މީސްމީޑިއާގައި މީހުން ދައްކާ ވާހަކަ ސަރުކާރުން ސެންސަރު  ކުރުން ހުއްޓާލުމަށް އެދުނެވެ. އަދި ހަމަހަމަކަމާއެކު ގައުމުގެ ހުރިހައި ހިސާބެއްގައި ރައްޔިތުންނަށް ބޭސްފަރުވާގެ ކަންކަން އެއްގޮތަކަށް ހަމަޖައްސައި ދިނުމަށެވެ. މިއީ މިގޮތަށް އެދިގެން މީހުން ހުށަހެޅި އެއް އެދުމެވެ. މިނޫނަސް އެތައް ގޮވާލުމެއް މިފައްތަރުގައި ސަރުކާރާ ދެކޮޅަށް ގޮވާފައި ވެއެވެ. އަދި ފުލުހުން މިކަންކަމާ ގުޅިގެން މީހުން ހައްޔަރުކޮށް ހަދާފައިވެސް ވެއެވެ. ވޫހާން ވައިރަސް ދެމި އޮވެއްޖެނަމަ، ވައިރަސްއަށް ވުރެން އަވަހަށް ޝީގެ ބާރުތައް ބަލިކަށިވެގެން ހިނގައިދާނެކަމަށް ބަލާ ބަޔަކުވެސް އެބަތިއްބެވެ. ތާރީޚް ޝީއަށް އިންސާފުކުރާނީ ވޫހާން ކޮރޯނާ ވައިރަސްއާ ގުޅުވައިގެންކަން ޔަގީނެވެ.

Leave a Reply

Your email address will not be published. Required fields are marked *