ކޮވިޑް19 އާ ގުޅިގެން 185 މީހަކު ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހަޅައިފި

ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް/ ފޮޓޯ- ހަތާވީސް

ކޮވިޑް19 ގެ ސަބަބުން 185 މީހެއް ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސްގެ ފަރާތުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން ވަޒީގާ ހާލަތަށް ބަދަލު އަންނަ ފަރާތްތަކުގެ މައުލޫމާތުތައް އެއްކުރާ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުން ޕްލެޓް ފޯމްގައި 723 މީހުން ރެޖިސްޓަރ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 58 މީހުންނަކީ އަމިއަލް މަސައްކަތް ކުރި އަދި މިހާރު ވަޒީފާއެއް ނެތް ފަރާތްތައް ކަމަށާއި 185 މީހުން ވަޒީފާއިން ވަކިކޮށްގެން ހުށަހަޅާފައިވާއިރު 113 މީހުންގެ މުސާރަ ކުޑަކޮށްގެން ޝަކުވާ ހުށަހަޅާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެންމެ ގިނައިން ހުށަހަޅާފައިވަނީ ނޯޕޭލީވަށް ދިއުމަށް އަންގާފައިވާ މައްސަލަތައްކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެ އަދަދު އުޅެނީ ނޯޕޭ ލީވް އަށް ފޮނުވާލައިގެން 245 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ލިބޭ މުސާރައިގެ ދެބައިކޮށްފައި އެއްބައި މުސާރަ ކުޑަކޮށްގެން 72 ޝަކުވާ ހުށަހަޅާފައިވާއިރު 44 މީހުން ޝަކުވާ ހުށަހަޅާފައިވަނީ ބޭސިކް ސެލަރީ އެކަނި ދިނުމުންނެވެ. އަދި 64 މީހަކު ވަޒީފާއިން ސަސްޕެންޑްކޮށްގެން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރެވިފައި ވާނަމަ، ނުވަތަ މުސާރައާއި އެލަވަންސް ތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައި ވާނަމަ، އެ މިނިސްޓްރީ އިން ގާއިމު ކޮށްފައިވާ ޖޮބް ސެންޓަރ (/https://jobcenter.mv) ގައި ރިޕޯޓްކޮށް މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހި ފައިވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް19 އާއި ގުޅިގެން ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ރާއްޖޭގެ ފަތުރުވެރި ކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތް ތަކަށް ހީނަރުކަމެއް އައިސްފައި ވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް ފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށް ދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައި ގެން އަޅަމުންދާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކޮށްފައެވެ. މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ އެހީގެ ޕެކޭޖުގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *