އެންމެ ފަހު ފަތުރުވެރިޔާ ފުރުމުން 15 ރިސޯޓަކާއި 9 ސަފާރީއަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފި

ސަން އަކުއާ އިރުވެލި ރިސޯޓް/ ފޮޓޯ- އަގޯޑާ

އެންމެ ފަހު ފަތުރުވެރިޔާ ފުުރިތާ 14 ދުވަސް ހަމަވުމުން 15 ރިސޯޓަކާއި 9 ސަފާރީއަކުން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރައްވާ މަބްރޫކް އަޒީޒް ވިދާޅުވީ  ނުވަ ސަފާރީއަކާއި 15 ރިސޯޓަކުން މީހުން ފޭބުމުގެ ހުއްދަ މިހާރު ދެވިފައިވާ ކަމަށެވެ. މިއީ ރިސޯޓަކުން އަދި ސަފާރީއަކުން ވެސް މީހުން ފޭބުމުގެ ހުއްދަ ދެވުނު ފުރަތަމަ ފަހަރެވެ.

އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނެ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.

އަދި ރިސޯޓެއްގައި އެންމެ ފަހު ފަތުރުވެރިޔާ އައިތާ މިހާތަނަަށް 14 ދުވަސްވެފައިވާނަމަ އަދި މިވީހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް އަދި ބަލީގެ އަލާމާތްތައް ހުރި މީހެއްވެސް ނެތް ރަށެއް ކަމުގައިވާނަމަ އެ މީހުންނަށް އެރަށުން ފޭބުމަށް ހުއްދަދޭނެ އިންތިޒާމުވެސް އެޗްޕީއޭއިން އޮތީ ހަމަޖައްސާފައި ކަމަށެވެ. މީގެ އިތުރުން މިދިޔަ 14 ދުވަސް ތެރޭގައި އެރަށަށް ފަތުރުވެރިއަކު ނާރާ ރަށްތަކުގެ މުވައްޒަފުންނާ މެދުވެސް އަމަލު ކުރަމުން އަންނާނީ އެ އުސޫލުގެ ތެރެއިންނެވެ.

މިހާތަށް ރާއްޖެއިން 1573 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު 1489 ވަނީ ނެގެޓިވް ވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 19 މީހުންނެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު މި ބައްޔާއި ގުޅިގެން ފަރުވާ ދެމުން ދަނީ ހަތަރު މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *