މެލޭޝިޔާއިން އަންނަ ދިވެހިންގެ އަތުން އެއްކޮޅު ޓިކެޓަށް 6،168 ރުފިޔާ

މޯލްޑިވިއަންގެ އެއާބަސް މަރުކާރުގެ ބޯޓެއް: ފޮޓޯ /މިހާރު

މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި މިރޭ ބުނީ މެލޭޝިޔާއާ ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު ހައިކޮމިޝަނަށް ފޮނުވުން އެދޭ ކަމަށެވެ. އެފްލައިޓުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ގާތްގަޑަކަށް 400 ޔޫ. އެސް ޑޮލަރަށް ކަމަށްވެސް ހައިކޮމިިޝަނުން ބުންޏެވެ.

މޯލްޑިވިއަން އިން އަންނަނީ މެލޭޝިޔާގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއާ ޓްރިވެންޑްރަމް އަށް ވެސް ދަތުރު ކުރުމަށް ނިންމާފައެވެ. ލަންކާ އިން އަންނަ މީހެއްގެ އަތުން ނަގާނީ 4،626 (300) ޑޮލަރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ކޮޗިން އިން އަންނަ މީހުންނަށް 4،086 ރުފިޔާއެވެ. މީގެކުރިން ލަންކާއާ ދެމެދުގެ ދެކޮޅު ޓިކެޓް 4،142 ރުފިޔާއަށް ލިބެއެވެ. ރާއްޖެ-ކޮޗިންގެ ދެކޮޅު ޓިކެޓް އާއްމުކޮށް 2،775 ރުފިޔާ އަށް ލިބެއެވެ.

މި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ނާދެވިފައި ވަނީ ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން ގައުމުތަކުން އެއާޕޯޓުތައް ބަންދު ކުރުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *