މޯލްޑިވިއަން އިން ދަނީ ވަގުތުގެ ބޭނުން ނާޖާއިޒުގެ ގޮތުގައި ހިފަމުން: ޑރ. ހަލީލް

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ހަލީލް ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

އިންޑިއާގެ ކޮޗިން އަދި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އެނބުރި އަންނަން ބޭނުންވާ މީހުން ގެނައުމަށް ގައުމީ އެއާލައިން އިން ޓިކެޓު އަގު ބޮޑުކޮށް ވިއްކައިގެން ކުރިޔަށް ގެންދާ އަމަލަކީ ވަގުތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ އަމަލެއް ކަަމަށް ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ސްރީލަންކާ އިން ރާއްޖެ ނާދެވިފައިތިބި ދިވެހީން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބާއްވާ ޗާޓާޑް ފްލައިޓުން އަންނަ މީހަކަށް ތިން ސަތޭކަ ޑޮލަރު ނުވަތަ 4626 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. ކޮޗިން އިން އަންނަ މީހުންނަށް 4،086 ރުފިޔާއަށް މޯލްޑިވިއަން އިން އަންނަނީ ޓިކެޓު ވިއްކަމުންނެވެ. ލަންކާއާ ދެމެދުގެ ދެކޮޅު ޓިކެޓް 4،142 ރުފިޔާއަށް އާއްމުކޮށް ލިބޭއިރު ރާއްޖެ-ކޮޗިންގެ ދެކޮޅު ޓިކެޓް އާއްމުކޮށް 2،775 ރުފިޔާއަށް ލިބެއެވެ.

ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގްތިސާދީ ގޮތުން ރައްޔިތުން ކަރުތާފެނަށް ވެއްޓިފައިވާ ވަގުތު، އަދި އާދެވޭނެ އެހެންގޮތެއް ނެތް ހިނދު، ރިޓާން ޓިކެޓްގެ އަގަށްވުރެ ބޮޑުކޮށް އެއްކޮޅު ޓިކެޓް ގައުމީ އެއަރލައިނުން ވިއްކަން ފެށުމީ ވަގުތުގެ ނާޖާއިޒު ފައިދާ ނެގުން ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ބަލަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ބުނީ އެ ދެ ގައުމުގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެގޮތުން ލަންކާގައި ތިބި ދިވެހިން ގެނައުމަށް ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށާއި ކޮޗިން އަށް ދަތުރު ކުރުމަށް އެއް ފްލައިޓު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ލަންކާ އަދި ކޮޗިންގައި ތިބި ދިވެހިން ބަލާ ދިއުމަށް މޯލްޑިވިއަންގެ ފްލައިޓެއް ދަތުރު ކުރުމަށް ނިންމާފައިވާއިރު މެލޭޝިޔާ އަދި އިންޑިއާގެ ޓްރިވެންޑްރަމްއަށް ވެސް އެ އެއާލައިނުން ވަނީ ފްލައިޓެއް ބޭއްވުމަށް ނިންމާފައެވެ. އެ ފްލައިޓަކީ އެ ގައުމުތަކުގައި ތިބި ދިވެހިން ބަލާ ދިއުމަށް ކުރާ ދަތުރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *