މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދަންމާލަނީ

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް: ފޮޓޯ / މަޖިލިސް

ކައުންސިލް އިންތިހާބު މިހާރު ރާއްޖޭގައި ބޭއްވޭނެ ހާލަތެއް ނެތުމުގެ ސަބަބުން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ފާސްވުމަށްފަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ ލޯކަލް ކައުންސިލް އެކުލެވޭ ގޮތް ކަމަށް އަދި އެ ކައުންސިލްތައް އިންތިހާބު ކުރަންޖެހޭ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން ގާނޫނު އަސާސީއަށް ގެންނަ މި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން އިންތިހާބު ކޮށްފައިވާ އަދި މި އިސްލާހަށް އަމަލުކުރަން ފަށާއިރު މަގާމުގައި ދެމި ތިބި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

ގާނޫނު އަސާސީއަށް ކައުންސިލް އިންތިހާބާއި ގުޅިގެން އިސްލާހެއް ހުށަހަޅާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

އެ ބިލުގައި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020، އަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބު ފަސްވެގެން ދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އަދި އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނީ އިންތިހާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ވަކި ދާއިރާއަކަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައި ނުވާތީ އިންތިހާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު، އަލަށް އިންތިހާބުވާ މެމްބަރުންނާއެކުގައި ކަމަށް އޭޖީ އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ބިލުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *