ކުރެވޭ ކަމެއްގެ ސަބަބުން 24 ގަޑިއިރުގެ ކާފިއުއެއް ހިންގަން ޖެހިދާނެ: ޑރ. މުރާދު

ޑރ. މުރާދު ނޫސްވެރިންގެ ބައްދަލުވުމުގައި: ފޮޓޯ / ހަތާވީސް

ކުރެވޭ އެއް ކަމެއްގެ ސަބަބުން ވެސް 24 ގަޑިއިރުގެ ކާފިއުއަކަށް ދާން ޖެހިދާނެ ކަމަށް ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި ހަރަކާތްތެރިވާ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސްގެ ފަރާތުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ވަގުތަކީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ދީފައިވާ ވަގުތެއް ކަމަށެވެ. އެހެންކަމުން އެ ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފައިފި ނަމަ އެ ވަގުތު 24 ގަޑިއިރަށް ބަދަލުވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.

އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވަނީ އެކަމަނާގެ އެ އެންގުމަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަށް އިލްތިމާސް ކުރައްވާފައެވެ. އެކަމަނާ މިފަދައިން އަންގާ އެންގުންތަކަށް ނުވަތަ އަމުރުތަކާއި ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. މިހާރުވެސް އެކަމަނާގެ އެންގުންތަކާއި ހިލާފުވެގެން އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު އެކަކަށް ވަނީ ދައުވާވެސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19 އަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 13 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަ ހަތަރު ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *